
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)އަކީ ތަޢުލީމުގެ ދުޝްމަނެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.
މަލީހު އަދުރޭއަށް ފާޑުވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ތައުލީމީ ގޮތުން ވަކި ފެންވަރެއް ހުންނަން ޖެހޭ ކަމަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން ފާހަގަކުރެއްވިއެވެ. އެގަޑީގައި އަނާރާގެ މައިކުގެ އަޑު ރިޔާސަތުން ކަނޑާލިކަމަށް ބުނެ ބައެއް ފަރާތްތަކުން އެކަމާ އަދުރޭއަށް ފާޑުކިޔާ މީސްމީޑިޔާގައި ޕޯސްޓުކޮށްފައިވެއެވެ.
އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ އަދުރޭއަކީ ތަޢުލީމުގެ ދުޝްމަނެއް ކަމަށާ އެއީ ނުރައްކާ ބާވަތެއްގެ ދިވެއްސެއް ކަމަށެވެ.
މަލީހު މިމފަދައިން ވިދާޅުވެފައިވާއިރު ދާދި ފަހުން ޕީއެންސީގެ ހަރުގެ ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަދުރޭވަނީ މި ޒަމާނުގައި މަގާމުތަކާ ވަޒީފާތައް ހޯދުމުގައި ތައުލީމު އުނގެނުމަކީ މުހިއްމުކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.










