މި ފަހަަކަށް އައިސް ގައުމުގައި އެންމެ ބާރަށް އިވޭ އަޑަކީ ގައުމު ބަނގުރޫޓުކޮށްލާފައި ކުރީގެ ވެރިން ގައުމގެ ހާލަތަށް ފާޑުކިޔާ ވާހަކައެކެވެ.
އެމްޑީޕީގެ ވެރިކަމުގައި ލޯނު ނަގާ ނަގާ ގައުމު ހަފުސްކޮށްފައިވާ ވާހަކައެވެ. ގައުމުގެ ބައިތުލްމާލު ދޮވެ ސާފުކޮށްފައި އޮތް ވާހަކައެވެ. އޭގެ ސަބަބުން މިހާރުގެ ވެރިންނަށް ގައުމު ހިންގުމުގައި ދަތިތައް ހުރި ވާހަކައެވެ. ވެރިކަން ކުރިއަށް ނުކަނޑައިގެން އުޅޭ ވާހަކައެވެ. ހަވާލުވާން ޖެހުނީ ހުސް ތޮށިގަނޑައަކާ އޭ ވިދާޅުވެ މަޖިލިީހުގައި ތިއްބެވި އެންމެ އަޑު ހަރު ސަރުކާރުގެ މެމްބަރުން ވިދާޅުވާ އަޑެވެ.
މިހާ ހިސާބުން އަޅުގަޑުގެ ފުރަތަމަ ސުވާލު އަމާޒުކޮށްލާނަމެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމުގެ ދަރަނި ދައްކާނެ ގޮތް ހޯދިފައިވާ ކަމަށެވެ. އަދި ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވިއިރު ގައިމު އެމަނިކުފާނު ވެރިކަމަށް ފައި ނަގާނީ ގައުމުގެ ހާލަތު ބަލާ ދިރާސާކުރުމަށް ފަހުގައިކަން ގައިމުވާއިރު މިހާރު މި ދައްކަވަނީ ކޮން ހޮޅި ވާހަކަތަކެއްތޯއެވެ؟ އޭރު ދަރަނި އޮތް ކަން ނޭނގެނީތޯއެވެ؟
ދެން އޮތް އަނެއް ކަމަކީ ގައުމުގެ އިގްތިސޯދު ހާލަތު ދެރަވެ ވެންޓިލޭޓަރުގައި އޮތް ކަމަށާ ރައްޔިތުންނަށް ހިތި ބޭސް ބޯން އަންގަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވާއިރު މި ހިތި ބޭސް ބޯން ދޭން މި ބޭފުޅުންގެ ވިސްނުމުގައި ހުރީ ހަމައެކަނި ނިކަމެތި ރައްޔިތުންނަށް އެކަނިކަން ސަރުކާރުގެ އަމަލުތަކުން ހާމަވުމެވެ.
އެގޮތުން ސަރުކާރަށް ނުކަތައިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސިޔާސީ މުވައްޒަފުންވެސް މަދުކުރާނެ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަމަލުފުޅުތަކުން އެކަން ހާމަނުވެއެވެ.
މިހެން ދަންނަވަން މިޖެހޭ ސަބަބަކީ މަގާމުތަކަށް މީހުން އައްޔަންކުރުން މަޑުޖެހުމަކަށް ނާންނާތީއެވެ. އިއްޔެވެސް ވަނީ ތިމާވެއްޓާ ބެހޭ ވުޒާރާއަށް ނައިބަކު އައްޔަންކޮށްފައެވެ. ނުވިތާކަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއިންވެސް ރައީސް މުއިއްޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުންނަށް ވަޒީފާ ހަމަޖައްސާފައިވެއެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒުއާ ދެބެންގެ ދެދަރި، އަލީ އާރިފުގެ ބަފައިބެވެސް ހިމެނެއެވެ.
ނެޕޮޓިޒަމްގެ ހާއްޔަކަށްވެފައިވާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ރައީސް މުއިއްޒުގެ ސަރުކާރުން އެހެން ދިމާއަކަށް ބަލާއިރު ޚުދު ރައީސް އާ ވަޒީރުންވެސް މިކަމާ އިސް ނަގަންވާ މަންޒަރު ނުފެނެއެވެ. އެގޮތުން ނަންގަވަމުން ގެންދަވާ މުސާރައިގެ އެންމެ ސެންޓެއްވެސް މަދުކުރަން އަމިއްލަފުޅަށް އިސް ނުނަންގަވައެވެ. ދެން މިހެން ދެންނެވީމާ މާދަމާ ކެބިނެޓު ބައްދަލުވުމުގައި މިކަމާ މަޝްވަރާނުކުރާނެކަމެއް ނޭނގޭއެވެ.
މީގެ އިތުރުން ދައުލަތުން އެންމެ ގިނަ ފައިސާއެއް އެބަޔަކަށް ކަރަދު ކުރާ ބަޔަކީ އިއްތަތްެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އެގޮތުން ކޮންމެ މެމްބަރަކަށް 1 ލައްކަ ރުފިޔާގެ މަގުން މުސާރަ ނަންގަވާއިރު އެއީ މަހެއްގެ މައޗަށް 9.3 މިލިއަންއެވެ. ނަމަވެސް މިއިންވެސް ފައިސާ ފޮއްޗެއް އުނިކުރަން އެބައިމީހުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ދެކޮޅެވެ. މުސާރަ ކުޑަކުރަން ވަކާލާތު ކުރާނެ ކަމަށް ބުނި މައިކުގެ އަހުލުވެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެހެންކަމުން އިގްތިސޯދު ނޭވާ ނުލެވިގެން ވެެންޓިލޭޓަރަށް ލައިގެން އުޅޭއިރު ހިތި ބޭސް ބޯން މިޖެހެނީ ރައްޔިތުންނަށް އެކަނިބާއޭ ހަމަ ހިތަށް އަރައެވެ. އިގްތިސޯދު ނޭވާ ލައްވަން ސީޕީއާރުދޭން، ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށްފަހު ވެރިން ވެރިންގެ ގޮތުގައި ބޮޑު މުސާރައިގައެވެ. ނަމަވެސް ދައުވާ ކުރަނީ އަދިވެސް ލިބޭ މިންވަރު ކުޑަ ކަމަށެވެ.
އެހެންކަމުން މިއުޅެނީ ހަގީގަތުގައިވެސް އިގްތިސޯދީ ހާލަތު ދަށްވެގެން ތޯ ނޫނީ ވަކި ބައެއްގެ އަންބޮޑި ބޮޑު ނުވެގެންތޯ މިއީ ހިތުގައި އުފެދޭ ނިކަން ބޮޑު ސުވާލެކެވެ.
ގައުމަށްޓަކައި ހިތި ބޭހެއް ބޯން ޖެހެންޏާ އެންމެ ކުރިން އެ ބޭހުގެ ރަހަ ވެރިން ބެއްލެވިއްޔާ ވަނީ ކިއެއްތޯއެވެ. ވެރިކަމަށް އައީ ދަރަނި އަދާކުރާނެ ފައިސާއާ ފޯމިއުލާ ހިފައިގެންނޭ ގައިމު ވިދާޅުވީމެއްނުންތޯއެވެ؟ އެހެންކަމުން އެ ފޯމިއުލާއާ ފައިސާ ހޯދުމުގައި ސަރުކާރު ފެއިލްވުމުން އޭގެ ބަދަލުގައި ރައްޔިތުން ގުރުބާން ތިޔަ ކުރައްވާނީ ހަގިގަތުގައިވެސް ހެޔޮވެރިކަމުގެ އަސާސުތަކުގެ ތެރެއިންތޯއެވެ؟
ވެރިންނޭވެ. ހިތި ބޭހެއް ބޯން މުޅި ގައުމަށް މަޖްބުރުވެފައި އޮތިއްޔާ އެ ބޭހެއް ބޯން ހަަމއެކަނި ރައްޔިތުންނަށް ނުޖައްސަވާށެވެ. އެ ރައްޔިތުންނާ އެކު ވެރިންނާ އާއިލާތައްވެސް އެ ބޭސްބޯށެވެ. ކުޑަ ކެކުރިއަށް ކުޑަ ގޮތް ބޮޑު ކެކުރިއަށް ބޮޑުގޮތް، މި އުސޫލު އަދިވެސް ސަގާފަތުގައި އޮތީތޯއެވެ؟