ވާނުވާ ބަންދުގައި ތިބޭ މީހުން ޝަރީއަތް ނުނިމި ގިނަ ވަގުތުތަކެއް ޖަލުގައި ހޭދަ ކުރަން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން މުޖުތަމައުގައި ފާޅުކުރަމުން ދަނިކޮށް ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ހާތިފްގެ ސުވާލު އަމާޒުކުރެއްވީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހާތިފް ވިދާޅުވެފައިވަނީ، މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެކަމަކު އެކަން ކުރަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ ކަމުގައެވެ. އަދި އެއީ މުޖުތަމައުގެ ސަލާމަތަށްޓަކައި ނުވަތަ އެ މީހާ ކޯޓަށް ހާޒިރުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ ހެކި ރައްކާކުރުމަށްޓަކާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވާނުވާއޭ މިކިޔާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ، ޝަރީޢަތް އަވަސްކުރުންތޯ އައްސަވާ ހާތިފް ވަނީ ޔަގީނުންވެސް ޝަރީއަތް އަވަސްވުމަކީ ހައްލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އޭގެ އެންމެ ފުރިހަމަ ޙައްލުކަމަށް ވިދާޅުވެ ހާތިފްވަނީ ނަމަވެސް އެއީ ހަމައެކަނި ޙައްލެއް ނޫންކަމަށް ވިދާޅުވެ އޭނާގެ ނަޒަރުގައި އެކަމަށް އޮތް ހައްލުތަކެއް ހިއްސާކުރައްވާފައެވެ.
އެގޮތުން ހިލްމީވަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެކަމަށްޓަކައި ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ހައްލަކީ ޓެގް އަޅުވާފަ މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ޓެގް އަޅުވާފައި ހުންނަ މީހާ ނުފިލާނެކަން، ކޯޓަށް ހާޒިރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ތަންފީޒީ އިދާރާތަކުން ކަށަވަރުކުރުވިދާނެ ކަމަށް ވިދާޅުވެފައެވެ.
އެކަން އެގޮތަށް ކަށަވަރުކުރެވިއްޖެނަމަ، އެ ތިން ސަބަބުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު ވަރަށް މަދުވާނެކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ހަމަ އެހެންމެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ހައްލަކީ މާއްދީ ހެއްކެއްމަށްވާނަމަ، އެ ހެކި ރައްކާކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެއީ ހެކިވެރިޔެއްކަމަށްވާނަމަ، ބަންދުގައި ހުރި މީހާގެ އެދުމުގެ މަތިން، ދުރާލާ ހެކިބަސް ނެގެން އޮތްނަމަ، ދުރާލާ އެ ހެކިބަސް ނެގުން އަދި މި ހެކިބަސް ފަހުން ބަދަލު ކުރުމުގެ ފުރުޞަތު ހެކިވެރިޔާއަށް ނުދިނުން ނުވަތަ އެ ފުރުޞަތު ވަރަށް ހަނިކޮށްފައި އޮތުމަކީވެސް ހައްލެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެއެވެ. ހާތިފް ވިދާޅުވެފައިވާ ގޮތުގައި މި ގޮތަށް މިކަން ކުރެވިއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހުން ވަރަށް މަދުވާނެކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ވާނުވާއޭ މިކިޔާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ، ޝަރީޢަތް އަވަސްކުރުންތޯ؟
— Hathif Hilmy (@HathifHilmy) July 6, 2024
މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެކަން ކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް…
ހާތިފްގެ ނަޒަރުގައި ވާނުވާ ބަންދުގައި ތިބޭ މީހުންނަށް އޮތް ބައެއް ހައްލު އޭނާ ހިއްސާކުރައްވާފާއި ވާއިރު ވާނުވާ ބަންދުގައި ހަޔާތުން ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށް މައްސަލަ ނިމިގެންދާއިރު މައުސޫމު މީހެއްކަން ސާބިތުވެފައި ހުރިއިރު އޭގެން އެބައެއްގެ އެތައް ހައްގުތަކެއް ގެއްލިގެން ދާކަމީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. އަދި އެކަމުގެ ޝަކުވާއާ ކަންބޮޑުވުން ނިމިދިޔަ ރިޔާސި އިންތިހާބުގެ ދުވަސްވަރު ރައްޔިތުން ފާޅުކުރުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވާނޫވާ ބަންދު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަމަށް 8 މަސް ފުރިގެން ދިޔައިރު އެކަމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރައްވާ ޕީޖީ ހުސެއިން ޝަމީމު ގެންދަވަނީ ބަހަނާ ދައްކަވަމުންނެވެ. މިހެން މިކަން އޮއްވާ ވާނުވާ ބަންދުގައި ޖަލުގައި ހުރި ގައިދީއަކުވަނީ ދާދި އިހަކަށް ދުވަހު ނިޔާވެސްވެފައެވެ.
ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ރައްޔިތުން އެކި ފަހަރު މަތިން މި ސަރުކާރު އައި ފަހުންވެސް އިހުތިޖާޖުކޮށްފައިވެއެވެ.