ބަލާނީ އެންމެ މައްސަލައަކޯ، ކީހާ ޅެން ފަރިއްސަށް؟ / ތޭރަގްރެފިކްސް
ރިޕޯޓު
ބަލާނީ އެންމެ މައްސަލައަކޯ، ކީހާ ޅެން ފަރިއްސަށް؟
Aishath Naja
އައިޝަތު ނަޖާ
08 ޖުލައި 2024
މާލެ ސިޓީ

އަޑަށް ބާރުލާފައި ބަޔަކު މީހުން ދެއްކި ވާހަކަތައް ހަނދާން އެބަހުރިތޯއެވެ. ވޭތުވެގެން ދިޔަ ފަސް އަހަރު ވެރިކަން ކުރެއްވީ ނަމުން ޞާލިހް އަދި ކަމުން ޖާހިލް ބޭފުޅެކޭ ބަޔަކު މީހުން ކިޔާތީ އަޑުއިވެއެވެ. އެ ފަސް އަހަރު ނުހިނގާ ކަމެއްނެތީއެވެ. އިދިކޮޅުގައި އޮވެ އަދުގެ ސަރުކާރުން ދިޔައީ ވެރިކަން ލިބިއްޖިއްޔާ ހުރިހާ ކަމެއްވެސް ފަޅައިއަރުވާނެކަމަށް ބުނަމުންނެވެ.

މިއޮތީ ވެރިކަން ލިބިފައެވެ. ހަމަގައިމުވެސް މިއަދު ވެރިކަން ކުރަން ހުންނެވީ އިބްރާހިމް މުހައްމަދު ޞާލިހެއް ނޫނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް އެވެނި، މިވެނި ކަމެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. މުސްކުޅިން ބުނެއުޅެއެވެ. ކަމެއް ބޭނުންވީމާ، އުޑުން ތަރިތަކާއި ހަނދު ބާލާއިދޭނެކަމަށް ކިޔަންފަށާނެއެވެ. ކަންވެ ނިމުނީވެސް ހަމަ އެފަދައިންނެވެ.

އެގޮތުން ކޮވިޑް 19 ގެ ދުވަސްވަރު ކުރީ ސަރުކާރުން ގެންނަން ބުނި ވެންޓިލޭޓަރު ކޮޅުވެސް ނުގެނެވި 37 މިލިއަން ރުފިޔާއަށް ވުނެ ބޮޑު ކޮރަޕްޝަން ހިންގާ، ރައްޔިތުންގެ ނޭވާ ހޮޅިޔަށް ފިއްތާލުމަށްފަހު ގެންނަން ބުނި އޮކްސިޖަން ސިލިންޑަރުކޮޅުން ވެސް ވައްކަންކުރި މައްސަލަ ބައްލަވާނެކަމަށް އަޑަށް ނިކަން ބާރުލައިފައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އޭގެއިތުރުން، ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ފޮނުވާލުމަށްޓަކައި އޭރު އިދިކޮޅުގައި އޮންނަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ފެއްޓެވި އިންޑިޔާ އައުޓް ކެމްޕެއިނަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރު ބާތިލް ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުނުވާކަމަކަށް ނުވާނެއެވެ.

ވެރިކަމަށް އައުމަށް އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ އިސްލާމް ދީނަށް ތައުހީނުކޮށް ރަސޫލާ (ޞޢޥ)އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓު ނެރުނު އެމްޑީއެންގެ ވާހަކައެވެ. އެ ޖަމްއިއްޔާގެ ވެރިން ނިމިދިިޔަ ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިބުމުން ރާއްޖޭގައި އިސްލާމްދީނަށް އޮތް އަހައްމިއްޔަތު ކުޑަވަމުންދިޔަ ވާހަކައެވެ. ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ވާހަކައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މި ލޮބުވެތި ފަސްގަނޑުން އިސްލާމްދިނުގެ ހިދާޔަތް ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ވާހަކައެވެ. ވެރިކަމަށް އައުމަށްފަހު އެމްޑީއެން ރިޕޯޓް ލިޔުނު ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެ ބޭފުޅުންނަށް ވެރިކަން ލިބި އާރާ ބާރާ ޝާނާ ޝައުކަތާ ޖާހާ ލިބުމުން ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެކެވެ.

އެމްޑީއެން ރިޕޯޓު ނެރުނު މީހުންވެސް އޯކޭވީ މަންޒަރެވެ. ނުހައްގުން ދައުވާތައް އުފުލަމުން އައި އެމްޑީއެން ޝަމީމުވެސް އޯކޭވީ މަންޒަރެވެ. ދައުވާ ކުރުން ލަސްވެއްޖެ ކަމަށް ނައިބު ވަޒީރު ޝިއުނާ ބުނި އެމްޑީއެން ހަމީދުވެސް މިއަދު އޯކޭއެވެ. މައްސަލަތައް ނުބަލާ އެތިބެނީ އެހެންވެގެންތާއެވެ. މައްސަލަ ބަލާނެ ވާހަކަވެސް ދައްކާ ނުލައެވެ.

ހަމަގައިމުވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޭރުގެ މެނޭޖިންގ ޑިރެކްޓާރ މޫސާ އަލީ މަނިކް އެ ކުންފުނިން ކެއިހާ ލާރި ކޮބައިތޯވެސް މި ވެރިން އަހާވެސް ނުލައެވެ. މޫކޭ އާއި އޭނާގެ ޅިޔަނު ޔާސިރު މުޅި ކުންފުނި ބަނގުރޫޓު ކޮށްފައި ދިޔުމުން ފިޔަވަޅެއްވެސް އަޅަން މިވެރިންނަށް ނުކެރެއެވެ.

ހަމަ ތެދެކެވެ. އޭރު ކެނޑީ ހުސް ފޮންޏެވެ. ވޭތުވެގެން ދިޔަ ފަސް އަހަރު ފެނަކަ ކުންފުންޏަަށްވެސް ހަދާފައި އޮތީ ބޭނުން އެއްޗެކެވެ. މިކަންކަން ހަމަ ރައީސް މުއިއްޒަށް ނޭނގެނީކީވެސް ނޫނެވެ. އެބަ އެނގެއެވެ. ނަމަވެސް ބޮޑާވެފައި ހުރުން މާ މޮޅީ ކަންނޭނގެއެވެ.

ކަންކަން މިހުރީ މިހެންްނެވެ. ވެރިޔަކު އަރައި ފައިބައިގެން ދިޔައިރު މުޅި ރާއްޖެދަވާލައިފިއެެވެ. މިކަމަަށް ހައްލު ގެންނަން އައި ވެރިޔާގެ ވެސް މަގްސަދު ހުރީ ފައިސާ ކައިގެން ބަނޑު ފުރުން ނޫންކަމެއް ނޭނގެއެވެ. އޭރު ބަލަން ޖެހޭ އެތައް ކަމެއް އެބަހުއްޓޭ ވިދާޅުވެފައި ވެރިކަމަށް އައުމަށްފަހު ދެން މި ވިދާޅުވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ތިމަންނާ ބަލާނަމޭ، އަދަބު ހައްގުވާ ފަރާތްތަކަށް އަދަބުވެސް ދޭނަމޭ، ރަނގަޅެވެ. އެކަމަކު ކުރިން ބަލަން ވިދާޅުވި މައްސަލަތަކަށް ވާނީ ކިހިނެއްތޯއެވެ. ކީހާ ޅެން ފަރިއްސަށް ވީތޯ؟

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved