“ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންކަން ލިޔެފައިވާނީ އޭގެ ފަހަތުން އެތައް ގިނަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި “ވައުދެއް ފުއްދޭނެ ގޮތް ނޭނގިއެއް ވައުދެއް ނުވާނަން“ ކަމަށެވެ.
"ހޮޅި" ވައުދު ނުވާނެކަމުގެ ޔަގީންކަން ދެމުން ރައީސް މުއިއްޒު އޭރު ވިދާޅުވީ، ސަރުކާރުގެ ދެފުށް ފެންނާނެ ކަމަށާއި ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ ކަމަށެވެ. އަދުލުވެރިވާނެ ކަމަށާ ބޭއިންސާފު ނުވާނަނެކަމަށް ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ވިދާޅުވާނެ ކަމަށް ވެސް އަހުދުވެވަޑައިގެންނެވިއެވެ. ރާއްޖެ ދަރަނިވެރިނުކުރާނެ ކަމަށާ ސިޔާސީ މަގާމުތައް މަދު، މަތި ލުއި ސަރުކާރެއް ގާއިމުކުރާނެކަމުގެ ވައުދުވެވަޑައިގެންނެވިއެވެ. މަސްވެރިންގެ ޝަކުވާތަކަށް ނިމުމެއް ގެންނަވާނެ ކަމަށާ މަސް ގަންނަ އަގު ކުޑަ ނުކުރާނެކަމުގެ ވައުދާ ވެސްއެކުގައެވެ.
ބަހާއި އަމަލާއި ދިމާވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް، މިއަދު މަންޒަރު ބޮޑު ސްކްރީނުން ބަލަން ތިބި ރައްޔިތުންނަށް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ދަރަނި އަދާކުރާނެ ފޯމިއުލާ އޮތްކަމަށް ވިދާޅުވި ބޭފުޅާއަށް މިއަދު އެ ފޯމިއުލާ އޮތްތަން ވެސް ނޭނގި މުޅި ގައުމު ބަނގުރޫޓުވަމުންދަނީއެވެ. ސިޔާސީ މަގާމުތައް މަދުވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ކެންސަލްވެ ސިޔާސީ މަގާމުތަކުގެ ރެކޯޑެއް ގާއިމުކުރި ސަރުކާރަކަށް މި ސަރުކާރު ވެއްޖެއެވެ.
"އަޅުގަޑު"ގެ ސަރުކާރެއްގައި ތިބޭނީ ކަމުވޮށިގެންވާ އިލްމީ ގާބިލު ބޭފުޅުންކަމަށް ވިދާޅުވި ރައީސްގެ ސަރުކާރުގައި ތިބީ "ނުކިޔަވާ" ވެރިންތަކެއްކަން ހާމަވެއްޖެއެވެ. "ނުކިޔަވާ" އިބޫއަކު ދުރުކުރުމަށް ފަހު ކިޔަވައިގެން ހުރި"މޯޑު"އަކު ގެނައުމުން ވެސް މިޖެހުނީ އެއްތާކުކަމަށް ގިނަ ބަޔަކު ބުނެއެވެ.
ކޮންމެ އަކަސް ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން އައި ސަރުކާރުގައި ރައްޔިތުންނަށާ ގައުމަށް ފައިދާ ހުރިކަމެއް ނުވެ 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރު ދައުލަތުގެ ވެރިންނާ އާއިލާތަކަށް ނުހަނު މަންފާކުރިއެވެ. މުޅި އޮޑީގައި ހަސަނުގެ ދެ ފައޭ ބުނާ އުސޫލުން މުޅި ރާއްޖޭގައި އަދުރޭއާ އާއިލާގެ ވަޒީފާތަކެވެ.
ސަސްޕެންޝަންގައި ބައިތިއްބައިގެން އެއް ބަޔަކަށް ހައްގު ނޫން މުސާރަތަކެއް ދެމުން ގެންދާއިރު އަނެއް ބަޔަކު މިއޮއްގެން އަނގަޔާ އަތާ ދިމާނުވެ ހަނާ ވަނީއެވެ.
ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިފަހުން ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ މައިނަސް“ އިން “ސީސީސީ ޕްލަސްއަށް ދަށްކޮށްފައެވެ. މިއީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ބޭރުގެ ދަރަނިތައް ނުދެއްކި، ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން 508 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު، ޒަރޫރީ ތަކެތި ރާއްޖެއަށް އިމްޕޯޓުކުރުމާއި އާންމު ވިޔަފާރިތަކާއި ބޭރަށްދާ ދިވެހިންގެ ބޭނުންތަކަށް 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ބޭނުންވާނެއެވެ.
ނަމަވެސް މިދިޔަ ޖެނުއަރީއިން މެއިމަހުގެ ނިޔަލަށް ޑޮލަރުން ރާއްޖެއަށް ލިބުނު އާމްދަނީ ހުރީ 483.1 މިލިއަން ޑޮލަރުގައެވެ. އަހަރުގެ ބާކީ އޮތް މަސްތަކުގައި ލިބޭ އަދަދާއެކު ވެސް އާމްދަނީގެ ގޮތުގައި ރާއްޖެއިން ބޭނުންވާ އަދަދަށް ބޭރު ފައިސާއެއް ނުލިބޭނެއެވެ. ލިބޭ އާމްދަނީން އެތެރޭގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭއިރު، ލިބުނު އާމްދަނީއަށްވުރެ އިތުރަަށް މިދިޔަ ހައެއްކަ މަސް ދުވަސްތެރޭގައި ދައުލަތުގެ ޚަރަދުތަކަށް ވަނީ 3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މިހާ ހިސާބަށް ދިއުމުން ނާޗަރަންގީ ކުޅެން ތިއްބަވާފައި ދެން ހަދާނެ ގޮތް ނުވިސްގެން ބުނަން ފެށީ ޚަރަދު ކުޑަކުރަން ފިޔަވަޅު އަޅަން ޖެހޭ ކަމަށާ މިއީ ކުރީ ސަރުކާރުގެ ސަބަބުން ރާއްޖެ ވެއްޓުނު އަނދަވަޅެއް ކަމަށެވެ. ވާރުތަވާ ދަރަނި ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް ސުވާލަކީ މި ސަރުކާރުގެ 8 މަސް ދުވަހުގެ ތެރޭގައި ޚަރަދު ކުރި މިންވަރާ ނެގި ދަރަންޏާ ކޮބައިބާއެވެ؟ އެއީ ހަމަ ގުނުމުގައި ނުލާނެ އެއްޗަކީ ބާއެވެ؟
ކުރީ ސަރުކާރޭ ނުކިޔާނަމޭ ބުނެ އައިސް ތިބެ ކަންކަން ކުރަން ނޭނގުމުން މަޖިލީހުގައި އެންމެ އަޑު ގަދަ މެމްބަރުން ލައްވާ "ކުރީ ސަރުކާރު" "ކުރީ ސަރުކާރު" ކިޔުއްވުމުން ޒިންމާ އަދާކުރެވުނީ ބާއެވެ؟ ސަރުކާރުގެ ޚަރަދު ކުޑާކުރުމުގެ ސިޔާސަތެއް އިއުލާންކުރުމަށް ފަހު އޭގެ ޝިކާރައަކަށް ނިކަމެތި ރައްޔިތުން ހެދުމަށް ފަހު ވަނާ ޖުނބޭސާގައި ވަރު ނުހުންނަ އުސޫލުން ކަންކަން ކުރަނީއެވެ. ޔައުނީ ފައިސާއަށް މަގާމުތައް ވިއްކާ ހުސްކުރަނީއެވެ.
ނަމަވެސް ދެއްވާ ކޮންމެ ތަގުރީރަކާ ޚިތޯބެއްގައި ޚަރަދުކުޑަކުރަން އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް މި ވިދާޅުވަނީ އަމިއްލައަށް އެކަންކަން ކުރާނެ ފޯމިއުލާ ނޭނގިގެންކަން ނިކަން ރަގަޅަށް ފެންނަ މަންޒަރުތަކުން ހާމަވެގެންދެއެވެ. ރައްޔިތުން ކައިރީ އިގްތިސޯދުކުރަން އިލްތިމާސްކުރުމަށް ރައީސް މީހާގެ އަމަލުތައް އެޔާ ދިމާ އިދިކީލައަށް ބެހެއްޓުމުން މިވާގޮތް ނިކަން ރަގަޅަށް އެނގެއެވެ.
ޚަރަދުކުޑަ ކުރަން ނޭނގޭތީ ކަންކަން "ކުރީ ސަރުކާރާ" ޖާމިނުކުރަނީއެވެ. އަދި ރައްޔިތުންނަށް ވަރު ބާލަނީއެވެ. ސުވާލަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވެގެން މިހާރު މިއުޅެނީ ރައްޔިތުންގެ ޚަރަދުތަކާ ހުރެބާއެވެ؟ ނުވަތަ ކުރީ ސަރުކާރުން ކުރި ކަމަކުން މި ސަރުކާރުގެ ރިކަރަންޓު ޚަރަދު ބޮޑުވަނީބާއެވެ؟
ނޫނެކެވެ. ހަގީގަތަކީ ރައީސް މީހާއަށް އަދިވެސް އެކި އެކި ޕްރެޝަރާ ހުރެ ހަގިގީ މާނާއިގައި ވަޒީފާތައް މަދުކުރަން ނުކެރޭކަމެވެ. އެއީ މަހުޖަނުންނާ ފައިސާވެރިންގެ ނުފޫޒުގެ ސަބަބުންނެވެ. އެހެންކަމުން ލަދެއްގައި ނުބެދެންވެގެން ކުރީ ސަރުކާރާ ޖާމިނުކޮށް މުރަނގަ ގަސްދޮށު މަލިމީ ރައީސް، މަސް ނުބޭނިގެން ކަނޑު ގޯސްކުރަނީތާއެވެ.
ރިޕޯޓު ނިންމާލަމުން ބުނެލަން އޮތީ " ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ" އެވެ.