ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް އިއުލާންކުރެއްވުމަށް ފަހު، ރައީސް މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އެކަމަށް އަމަލު ނުކުރައްވާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އަނެއްކާވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަކަމެއް ފެންމަތިވެއްޖެއެވެ.
އެގޮތުން މިއަދު ރާއްޖޭގެ މީޑިޔާތަކުގައި ރިޕޯޓުކުރަމުންދާ ޚަބަރުތަކުގެ ތެރެއިން އެއް ޚަބަރަކީ ރާއްޖޭގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ ވަޒީފާތަކުން މީހުން ކަނޑަމުންދަނިކޮށް ރައީސް މުއިއްޒު ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވަން ނިންމެވި ޚަބަރެވެ.
ލަންކާއަށް ރައީސް މުއިއްޒު ކުރައްވާ އެ ދަތުރުފުޅު ސީދާ ތާރީޚެއް އަދި އެނގިފައިނެތް ނަމަވެސް ސްރީލަންކާ ގާޑިއަންއިން ހާމަކޮށްފައިވާ ގޮތުގައި މިއަންނަ މަހު ކުރީކޮޅު ރައީސް މުއިއްޒު ލަންކާއަށް ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައިވެއެވެ.
މިކަމާ ގުޅިގެން ތޭރަ އޮންލައިންއިން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލުކުރުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ. އެގޮތުން ރައީސް މުއިއްޒު ދަތުރުފުޅު ކުރައްވަން ނިންމާފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ކަށަވަރުކޮށްދެއްވާފައިނުވާއިރު ދަތުރުފުޅު ކުރައްވާނަމަ ޚަރަދުތައް ކުރާނީ ދިވެހި ސަރުކާރުންތޯ ކުރި ސުވާލަށްވެސް އެއްވެސް ޖަވާބެއް ހީނާ ދެއްވާފައިނުވެއެވެ.
ރައީސް މުއިއްޒު ލަންކާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ގޮސްވެފައިކަން ޚުދު އެމަނިކުފާޏުވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވުމަށް ފަހު ރައީސް މުއިއްޒު ޚަރަދު ކުޑަކުރެއްވުމުގެ ބަދަލުގައި އިންތިހާއަށް ޚަރަދުކުރައްވަމުން ގެންދަވާތީ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.