ބޭރަށް ހިންގާ ރޯގާއަށް ފަރުވާ ދޭން ޖެހޭ ބޭހުގެ ބާވަތްތައް މާލެއިން ހުސްވެފައި ހުންނަތާ ފަސް މަސް ދުވަސްވެފައިވާ ކަން ހާމަވެއްޖެއެވެ.
ޗެނަލް 13 އަށް މައުލޫމާތު ދެމުން އާންމު ރައްޔިތަކު ހާމަކުރި ގޮތުގައި އޭނާގެ 14 އަހަރުގެ ދަރިފުޅު ހޯމަ ދުވަހުގެ ރެއިން ފެށިގެން ބޭރަށް ހިންގާތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރު ދިން ބޭސް ހޯދުމަށް މާލޭގެ ހުރިހާ ފާމަސީތަކަށް ދެވުނު ކަމަށެވެ. ނަމަވެސް އެއްވެސް ފާމަސީއިން އަކުން ބޭސް ނުލިބުމުން އަނެއްކާވެސް ޑޮކްޓަރު ކައިރިން ބޭސް ސިޓީ ބަދަލުކޮށް އަލުން ބޭސް ނަގަން ދިޔައީ ކަމަށެވެ.
އެގޮތުން ޑޮކްޓަރު ބޭސް ސިޓީގައި ލިޔެފައި ހުރި ބޭހުގެ ބާވަތް ހުސްވެފައި ހުންނަތާ ފަސް މަސްވެފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރި އިރު ސެނެހިޔާ ހޮސްޕިޓަލުގެ ކާކީ ފާމަސީއިން އެ ބޭސް ހުސްވެފައި ހުންނަތާ ތިން މަސްވެފައިވާ ކަަމަށާ އަދި އޭޑިކޭ ހޮސްޕިޓަލުގެ ފާމަސީއިން އެ ބޭސް ހުސްވެފައި ހުންނަތާ 2 މަސް ވެފައިވާ ކަމަށް ބަލި މީހާގެ އެހީތެރިޔާއަށް މައުލޫމާތު ދިފައިވާ ކަމަށް ވެސް އެމީހާ ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން މިތަންތަނުގެ ބަހެއް ހޯދާލަން ކުރި މަސައްކަތްވަނީ އަދި ކާމިޔާބުވާ ގޮތް ނުވެފައެވެ.
ސިއްހީ ފަރުވާއަކީ އަސާސީ ހިދުމަތަކަށް ވާއިރު އެ ފަދަ ހިދުމަތެއްގެ ތެރެއިން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވެ ބަލި މީހުންނާ އެހީތެރިންނަށް ތަކްލީފު ޖެހުމަކީ ސިއްހީ ދާއިރާއާ މެދު ރައްޔިތުންގެ އޮންނަ އެންމެ ބޮޑު ކަންބޮޑުވުންކަން ފާހަގަކޮށްލެވެއެވެ.
ދާދި ފަހުން އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނެގުމަށް ގެނައި ބަދަލުތަކާ އެކު ބޭސް ސިޓީގައި ލިޔެފައި އޮންނަ ބޭސް ފިޔަވައި އެހެން ބޭހެއް އެ ބޭސް ސިޓީއަށް ނުނެގޭއިރު އެ ބޭސް ލިބެން ނުލިބިއްޖެ ނަމަ އަނެއްކާވެސް ބަލި މީހާ ނުވަތަ އެހީތެރިޔާ ދާން ޖެހެނީ ޑޮކްޓަރު ކައިރއަށް ސިޓީ ބަދަލުކުރުވަންށެވެ. ކުރިން އޮންނަ ގޮތުން ނަމަ އެހެން ކުންފުންޏެއްގެ ބޭހެއްވެސް ބްރޭންޑް ދިމާވާނަމަ ބޭސް ސިޓީއަށް ދޫކުރެއެވެ.