ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު"އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ނެރުއްވި ގަރާރު މި ސަރުކާރުން ބާތިލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ސުވާލު އަމާޒުކުރައްވައިފިއެވެ.
އެމަނިކުފާނު އެގޮތައް ސުވާލު އުފައްދާފައިވަނީ ޕީއެންއެފްގެ ފަރާތުން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމަވައި އެ ސަރުކާރުން ގަރާރު ނެރުއްވި އިރު އަދުގެ ސަރުކާރުގެ އިސް ފަރާތްތަކުން ވެސް އިދިކޮޅުގައި ހުންނަވާ އެ ކެމްޕެއިންގައި ބައިވެރިވެފައިވާކަމަށެވެ. އެހެން ކަމުން މިއަދު އެ ގަރާރު އުވާ ނުލެވޭ ސަބަބެއް ނޭނގޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުންވެސް އެމަނިކުފާނު ވިދާޅުވީ އެ ހަރަކާތް ކިތަންމެ ކުރިއަށް ގެންދަން ބޭނުންފުޅުވި ނަމަވެސް އެމަނިކުފާނަށް އެ ހަރަކާތް ހުއްޓާލަން ޖެހިވަޑައިގަތީ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.
(އިންޑިއާ އައުޓް) އެ ހަރަކާތް އަޅުގަނޑުމެން ހުއްޓާލީ ސަލާމަތީ ބާރުތަކާއި އަޅުގަނޑުމެން ކްލޭޝް ވާން ބޭނުން ނުވާތީ
އޭގެއިތުރުން ރައީސް ޔާމީން ވަނީ ގާނޫނާއި ޚިލާފް ކަމަށް ބުނެ، "ގޮވެލިފަތި ގޮވަމުން އައި ސަރުކާރަކަށް"ގަރާރު ބާތިލުނުކުރެވިގެން އުޅެނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.
"ކީއްވެގެންތޯއޭ މި ސަރުކާރަށް ވިތް ޖަސްޓް އަ ސްޓްރޯކް އޮފް ޕެން، އެ ގަރާރު ބާތިލުކޮށް ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ. ބާތިލުކުރީމާ ދެއްތޯ މާދަމާ ވެސް އަޅުގަނޑުމެން ގޭގައި އިންޑިއާ އައުޓު ބެނާ ހުންނާނީ. އަދި އަޅުގަނޑުމެން އިންޑިއާ އައުޓްގެ މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމަކު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ،"
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތަކީ ރައީސް ޔާމީން އިސްވެ ހުންނަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.