
ތިމަން މަނިކުފާނުގެ ވެރިކަމުގައި މަގާމުތަކުގައި ތިއްބަވާނީ އިލްމީ ގާބިލު ބޭފުޅުންނޭ ވިދާޅުވުމަށްފަހު ވެރިކަމަށް ވަޑައިގެން ރައީސް މުހައްމަދު މުއިއްޒު، މަގާމުތަކަށް ކުފޫ ހަމަނުވާ ބޭފުޅުން އައްޔަންކޮށްފައިވާ ވުމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ތަކުރާރުކޮށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހުގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހުގެ ޕޯސްޓުގައި އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ އަދުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށާ ދަރިފުޅު، ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލްއަށެވެ.
އެގޮތުން މަލީހުވަނީ އެ ދެބޭފުޅުންގެ އިލްމީ ފެންވަރާ މެދު ސުވާލު އުފައްދަވާ މަޖާޒީ ގޮތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަލީހު ވިދާޅުވީ، ދިވެހި ބަހުގެ މިނިސްޓްރީއެއް އުފައްދަވަން ރައީސް މުއިއްޒަށް މަޖްބުރުވެވަޑައިގެންނެނވީ އަދުރޭއާ ދަރިފުޅު ފައިސަލްގެ އިނގިރޭސި ފެންވަރު ދަށްވުމުން ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ބަހުގެ މިނިސްޓްރީއެއް އުފެއްދެވުމުގެ ބަދަލުގައި އެ ދެބޭފުޅުން އޭބީސީ ދަސްކުރަން ވުޒާރާއެއް އުފެއްދެވި ނަމަ މާ ރަގަޅުވީސް ކަމަށެވެ.
އަދުރޭއާ އޭނާގެ ދަރިފުޅު ފައިސަލްގެ އިލްމީ ޣާބިލުކަމާ މެދު މަލީހުގެ ފާޑުކިޔުން އަމާޒުކުރައްވާފައިވާއިރު އެތައް ރައްޔިތުންވެސް ގެންދަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އަދުރޭ ގެންދަނީ މުޅި ސަރުކާރަށް އޭނާގެ ނުފޫޒު ފޯރުވާ އާއިލާ މީހުންނަށް ނުހައްގުން ވަޒީފާތައް ދެމުންނެވެ. އަދި ހުދު އަދުރޭއަކީ މަގާމަކަށް ކުފޫ ހަމަނުވާ މީހެއްކަމަށް ވެސް ގިނަ ބަޔަކު ބުނަމުން ދެއެވެ.










