ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާ ބައްޔެއް އަނެއްކާވެސް ފެތުރެން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ ބަޔާނެއްގައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ރަށެއް ކަމަށްވާ ގއ. ވިލިނގިލީގައި ދަނީ ހޯއްގޮވާ ކެއްސުން ބަލި ފެތުރެމުންނެވެ.
އެ ބައްޔަށް އެރަށުން ތިން ކުޑަ ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު ކޮންޓްރެކްޓު ޓްރޭސިން ހެދުމަށް ފަހު ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވަނިކޮށް ފެތުރެން ފަށާފައިވާ މިބަލީގެ ކަންކަމުގައި އެޗްޕީއޭއިން ނަގަމުންދާ އެކްޝަންތަކުގެ އިތުރު މައުލޫމާތު ހިއްސާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ބޭސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެ
ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ގެ ކޭސްތަކެއް ފެނުމާ ގުޅޭ pic.twitter.com/RIQTxbuUw4
— Health Protection Agency (@HPA_MV) January 23, 2024
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެކަމަށްވެސް ހާމަކޮށްފައިވެއެވެ.
ހަމަ އެހެންމެ ރޯގާޖެހި ކެއްސާ މީހުންގެ ތެރެއިން، ކެއްސުން ދިގުލައިގެންދާ ނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ނުވަތަ ތުއްތު ކުއްޖެ ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން ނައްތާލާފައިވާ ބަލިތައް މިފަހަކަށް އައިސް ރާއްޖެއިން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ ސަބަބެއް ކަމަށް ބޮޑަސް ބެލެވިފައިވަނީ ރާއްޖެއިން ބޭރުން އަނަނ ބިދޭސީ މަސައްކަތްތެރިންގެ މެޑީކަލް ޗެކަޕްތައް ފުރިހަމަ ނުކުރުމެވެ. އެގޮތުން ނިމި ދިޔަ ފަސް އަހަރު ވަކި ގައުމަކުން އައި މަސައްކަތްތެރިންގެ މެޑިކަލް ހަދާފައިނުވާކަން ވަނީ ހާމަވެސް ވެފައެވެ.
ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެ ބަލި ޖެހުމުން ފުރަތަމަ ފެންނާނޯ އާންމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެއެވެ.