އާމްދަނީ ހޯދުމަކާ ނުލާ ހުސް ޚަރަދުތައް ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގައުމުގައި ނިމި ދިޔަ ސަރުކާރުން ސުމާރެއް ބެލުމެއް އިންޑިއާ އަތުން ނެގި ދަރަންޏާއެކު ގާއިމުވެފައި އޮތް ރިކޯޑު އަދަދެއްގެ ދަރަނި އަދާކުރެވޭނެ ގޮތެއްވެސް ހޯދުމަކާ ނުލާ ސަރުކާރުން ރިކަރަންޓު ޚަރަދު އިތުރުކުރަމުންދާތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ބައެއް ބައިވެރިންނާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަމާ އެ މަނިކުފާނު ދެކޮޅު ނުހައްދަވާނެ ކަމަށާއި، ނަމަވެސް އަބަދުވެސް ފެންނަނީ ސަރުކާރުން ހަރަދު ކުރާ ތަން ކަމަށް ވިދާޅުވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެންނަކަށް އަޑެއް ނީވޭ މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނީ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު، މިވެނި އެވެނި ކަންތައްތަކުން އިގްތިޞާދީ އާމްދަނީ ހޯދާނެ މިވެނި އެވެނި މަޝްރޫއުތައް މި ފަށަނީއޭ، މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނެޔޭ ވިދާޅުވާ ތަނެއް. މިދަނީ ހައްތަހާ ވެސް ރިކަރަންޓު ހަރަދު އިތުރުވަމުން... އެހެން ނަމަވެސް، އާމްދަނީގެ މަޝްރޫއުތައް ނުފެނޭ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އާމްދަނީގެ މަޝްރުއުތަކުގެ އެސެސްމަންޓެއް ނެތުމުން ގައުމުގެ އިގްތިޞާދު ކްރައިސިސްއަކަށް ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
އިގްތިޞާދީ ކާރިސާއަކާ ރާއްޖެ ކުރިމަތިލާން ޖެހިދާނެކަމުގެ ބިިރުހީފުޅުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ނިމިދިޔަ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި ވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާ ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ރާއްޖޭ ސޮވެރިން ޑިފޯލްޓަކަށް ހިނގައިދާނެ ކަމުގެ އިންޒާރުދީފައިކަން ފާހަގަކޮށްލެވެއެވެ. ސަބަބެއްކަމަށް ހާމަކޮށްފައިވަނީ ދަރަނި އަދާކުރާނެ ގޮތެއް ނެތި ރިކަރަންޓު ޚަރަދުތައް އިތުރުވުމުވެވެ.