
މާލީ ދަތިތަކުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެ ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުުން އަމާޒުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި އޮތް ޕީއެންސީ ޖަލްސާގައި ވާހަކަދައްކަވަމުން އާރިފް ވަނީ މިއީ ދަތި ދުވަސްކޮޅަކަށް ވިޔަސް، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ކުރިމަގު ވަރަށް ފާގަތި ކަމަށް ވިދާޅުވެ ގަރުދިޔަ އާއި ބަތް ކެއުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިޔާގައި އަލީ އާރިފް އަށް "ގަރުދިޔަ ކައްކާނެ ގޮތާއި" އެހެނިހެން އެއްޗެހި ކިޔައިދީ މަލާމާތް ރައްދުކުރަމުންނެވެ.
އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެމީހުންނަކީ އަބަދުވެސް ގަރުދިޔަ އާއި ބަތް ކައި އުޅޭ ބައެއްް ކަމަށާއި ގަރުދިޔަ ކާން ނޭނގިގެން އުޅެނީ އަލީ އާރިފްމެން ފަދަ ބޮޑު މުސާރަ ލިބޭ މިނިސްޓަރުން ކަމަށް ޕޯސްޓްތަކުގައި ބުނެފައެވެ.
އަލީ އާރިފް ރައްޔިތުން ގަރުދިޔަ އާއި ބަތް ކެއުމަށް ބުނުމުން އާންމުން އަންނަނީ އެކަމާ އޭނާއަށް ފާޑުކިޔަމުންނެވެ.










