ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލިއްޖެ / ސޯޝަލް މީޑިއާ
ހަބަރު
ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު 18.25ރުފިޔާއަށް އުފުލިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖުލައި 2024
މާލެ ސިޓީ

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު 18.25ރުފިޔާއަށް އުފުލިއްޖެއެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޑޮލަރުގެ ގަންނަ އަގު މި ދެދުވަހު ހުރީ 17.95ރ. އާއި 18.15ރ. އާ ދެމެދު ކަމަށެވެ. ޑޮލަރު ވިއްކަން ހުރީ 18.05ރ. އާއި 18.25ރ. ދެމެދުގެ ރޭޓެއްގައި ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ ވިޔަފާރި މުއާމަލާތް ކުރާ މީހުން އުފައްދާފައި އޮންނަ "ކަރަންސީ އެކްސްޗޭންޖް އެމްވީ" ވައިބާ ގްރޫޕްގައި ވެސް ރޭޓުތައް ހުރީ އެވަރަށެވެ.

މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާ އަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސީޒަން ތެރޭގައި އާދައިގެ މަތިން މި އަހަރު ވެސް ޑޮލަރުގެ އަގު ދަށަށް ދިޔަ އެވެ. ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އޭރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.

ޑޮލަރުގެ އަގު އުފުލިފައި މިވަނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ.

ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހަމައަކަށް އެޅިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved