ތައުހީދަކީ އިސްލާމްދީނުގެ އަސާސް ކަމަށާއި އިންސީންނާއި ޖިންނީން އެކަމަށްޓަކައި ހެއްދެވުނު މަޤްސަދު ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެން ކަން ބަޔާން ކުރައްވަމުން ޚުތުބާގައި ވިދާޅުވީ އެކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަޞްލުގެ މަތީގައި ކަމަށެވެ.
ތިން ބަޔަކަށް ބެހިގެންވާ ތައުހީދަކީ މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުމެވެ.
ތައުހީދުގެ ފުރަތަމަ ބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެއެއްކައުވަންތަ ކުރުމެވެ. އެގޮތުން އެކަލާނގެއަށް ޝަރީކުކުރުން ދުރުހެލިވެ އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޤަބޫލުކުރުމަކީ ރުބޫބިއްޔަތަށް އެއްކައުވަންތަކުރުމެވެ. ދެވަނަ ބަޔަކީ (ތައުހީދުލްއުލޫހިއްޔާ) އެހެން އެއްވެސް ފަރާތެއްގެ ބައިވެރިކުރުމަކާއި ނުލައި ހުރިހައި އަޅުކަމެއް ހަމައެކަނިމާތް ﷲ އަށް އަދާކުރުމެވެ. ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން އެ ބޭކަލުންގެ ގައުމުގެ މީސްތަކުންނަށް އެންބެ ބޮޑަށް ގޮވާލައްވަން ޖެހިވަޑައިގަތީ ތައުހީދުގެ މިބަޔަށް ކަމަށް ޚުތުބާގަައި ވަނީ ވިދާޅުވެފައެވެ.
ތައުޙީދުގެ ތިންވަނަ ބައި ކަމަށްވާ ތައުޙީދުލްއަސްމާއި ވައްޞިފާތިއަކީ މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.އެގޮތުން އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުން ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.
އެހެންކަމުން ތައުހީދުގެ މި ތިން ބައިގައި ވަރުގަދަޔަށްހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެއެވެ.
މި މަތިވެރި ޢަޤީދާ ދޫކޮށް ބާޠިލު ޢަޤީދާތަކަށް ތަބާވެ، މާތްﷲގެ މަގަށް ފުރަގަސްދީ، ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ،ގެއްލެނިވެގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.