
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ޑރ. ޖަމީލުގެ ފާޑުކިޔުން އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭން ބޭރުން ކިޔަވައިގެން ހިދުމަތް ކުރަން ގައުމަށް އައުމަކީ ކޮންމެ ދަރިވަރެއްގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުގެ މުސާރަ ބޮޑު މަގާމުތައް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުން ފެށިގެން ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ކުރި ދަރިވަރުންނާ އެ ކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް މުއިއްޒުގެ މި ވާހަކަތަކަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ މިހާތަނަށް ފެންނަ މަންޒަރުން ރައީސް މުއިއްޒުގެ ވާހަކަތައް ވަރަށް ރަނގަޅަށް ފެންނަމުން ދާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ޢާއިލާ އާއި އަދުރޭގެ ޢާއިލާއަށް ނިސްބަތްވުމަކީ އަދި ގާތް މީހަކަށްވުމަކީ ބޮޑަތި މުސާރަ އާއި މަގާމު ކަށަވަރުވާ ހަމައެކަނި ޝަރުތުކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުގައި މަގާމުތަކުގައި ތިބީ މަގާމުތަކަށް ކުފޫ ހަމަނުވާ މީހުން ކަމަށާ އެމީހުންނަށް މަގާމުތައް ލިބިފައިވަނީ ވާރުތައިން މިލްކުވާ އުސޫލުން ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މި ސަރުކާރުގައި އަދުރޭއާ ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާގެ އަރިސް މީހުން މަގާމުތަކުގެ ތިބިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.










