ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން މާގޯހޭ ބުނާ އަޑު ގައުމުގައި ގުގުމަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދަ ފްރޮންޓު އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ބައިވެރިންނާ ކުރެއްވި ސުވާލުތަކުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޔާމީން ވަނީ، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޕީޕީއެމް/ޕީއެންސީން އަޑު އުފުލި ޝުއޫރުތަކާ އެ ކޯލިޝަނުން ދުރަށް ޖެހެމުންދާތީ ރައްޔިތުން ނުރުހުން ފާޅުކުރާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މިސަރުކާރުން އިންޑިއާއާ ގުޅޭ މުއާމަލާތްތަކުގައި އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އުތުރުތިލަފަޅު ތަރައްގީކުރަމުން ދިޔައީ އިންޑިއާގެ އަސްކަރީ ބޭހެއް ގާއިމުކުރުމަށް ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރަކަށް ހުންނެވި އަހުމަދު އަޒާން، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ވާހަކަ ދައްވާ ވީޑިއޯއެއް ސްކްރީނުގައި އެޅުވުމުން ރައީސް ޔާމީން ވިދާޅުވީ އެ ފެންނަނީ އޭރު ޕީޕީއެމް/ޕީއެންސީގެ ޖޯޝް ކަމަށެވެ. ނަމަވެސް މިހާރު އެ ޝުއޫރު ފާޅުނުކުރުމަކީ ކުށުގައި ބައިވެރިވުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ސްކްރީންތަކުން ފެނިގެން މިދަނީ އޭރު އަޅުގަނޑުމެންގެ ހުރި ގައުމީ ޖޯޝް. އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫން. އޭރު އަޅުގަނޑުމެންގެ ހުރީ ގައުމީ ޖާޝް އިނގޭތޯ؟ އެ ޖޯޝްގައި މި ފަސް އަހަރު މަގުމަތީގައި ހުރުން މާލާއިގު ނޫންތޯ ދިވެހިންގެ ހައްގުގައި. މިހާރު މި ހުރިހާ ވާހަކައެއް ދައްކާފައި ރައްޔިތުންގެ ސަމާލުކަން މިކަމުގައި ހޯދާފައި މިކަން ބަލަން އައި މީހުން މަގުމަތީގައި ނުތިބެވިގެން މީގައި ބައިވެރި މިވަނީ، ކުށުގެ ބައިވެރިންނަށް މިވަނީ
ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާޞުގައި ރައީސް މުއިއްޒަށް ރައްޔިތުން ވޯޓު ދިނީ ހަނިމާދޫ އެއާޕޯޓުގައި އަަޅަމުންދާ މިލިޓަރީ ބޭހާ އިންޑިއާއެކު ވެފައިވާ ގޮތް ނޭނގޭ އެގްރިމަންތޫތަކުން ސަލާމަތްވުމުގެ މުގާބިލުގައި ނަމަވެސް މިހާރު އެގޮތަށް އަމަލު ނުކުރެވޭ ކަމަށާ އެހެންކަމުން ރަށު ތެރެއިން މިހާރު އިވެމުންދަނީ ޕީޕީއެމް/ޕީއެންސީ ސަރުކާރު މާގޯހޭ މީހުން ބުުނާ އަޑު ކަމަށް ޔާމީން ވިދާޅުވިއެވެ.
މިއަދު މަގުމަތިންނާއި އެތައް މިތަނުން އިވޭ ޝުއޫރުތަކުގައި މިހުރީ މާތްކަލާކޯއޭ ކޮބައިހޭ.... އެމްޑީޕީ ގޯހޭ، އެކަމަކު ޕީޕީއެމް ޕީއެންސީ ސަރުކާރު އައިސް އަދި އިހުނަށް ވުރެ މާގޯހޭ
ރައީސް ޔާމީން ވަނީ މިހާރު މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބީ ކުރިން އިންޑިއާ އައުޓު ގޮވި ބޭފުޅުން ނަމަވެސް މިހާރު އެ ބޭފުޅުންނަށް އެހެންއެކަން ކުރަން ނުކެރޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.