
ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ރައްޔިތުންގެ ކަރަންޓް ބިލުން ވައްކަން ކުރަމުންގެންދަވާތީ ރައްޔިތުންގެ މަޖިލީހުގެ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
ވައްޑެ ފަހުމީއަށް ފާޑުވިދާޅުވެފައިވަނީ އެކްސްގައި ފަހުމީ ކުރެއްވި ޕޯސްޓް ރީޓްވީޓް ކުރުމަށްފަހުގައިއެވެ.
އެގޮތުން ފަހުމީ ކޮށްފައިވާ ޕޯސްޓްގައި އޭނާ ވަނީ 18 އަހަރުން ދަށުގެ ބާސްކެޓް ބޯޅަ ޓީމާއި، 20 އަހަރުން ދަށުގެ ހޭންޑްބޯލް ޓީމާއި ބައްދަލުކޮށް، ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން އުފާފާޅުކޮށްފައެވެ.
އެ ޕޯސްޓް ރީޓްވީޓް ކުރުމަށްފަހު ވައްޑެ ވިދާޅުވީ ކުޅިވަރާބެހޭ ވުޒާރާގައި އެ މަސައްކަތް ކުރުމަށް 78 ސިޔާސީ މީހުން އައްޔަންކޮށްފައިވާކަމަށެވެ.
އެހެންކަމުން ކުޅިވަރުގެ ކަންކަން ކުރުމަށް އެމީހުންނަށް ދޫކޮށްލުމަށްފަހު ފަހުމީ ކަރަންޓްގެ މަސައްކަތާ އުޅުއްވުމަށް ވައްޑެ ވަނީ ގޮވާލާފައެވެ.
އޭގެއިތުރުން ވައްޑެ ވިދާޅުވީ ފަހުމީގެ މޭސްތިރިކަމުގައި ރާއްޖޭގެ ތާރީޚު ނުދެކޭ މިންވަރަށް ކަރަންޓު ބިލު ބޮޑުވެފައިވާކަމަށެވެ.
ކަރަންޓް ބިލުތަކުން ފަހުމީ ވައްކަން ކުރާކަމުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.










