
ދިވެހިރާއްޖޭގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރާއްޖެ އޮތް ލެވެލްއިން ނަގާ އުސް ހަރުފަތަކަށް ގެންދެވޭވަރުގެ ގާބިލުކަން ހުރި މަޖިލީހެއް ނޫން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގެ ރައީސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ބައްދަލުވުމެއް ޗެއަރ ކުރައްވަން އިންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއަކާ އެކު މަލީހު ވިދާޅުވެފައިވަނީ މިހާރު އޮތް މަޖިލީހަކީ ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައި ހުރި މައްސަލަތަކާއި އެކަންކަން ހައްލު ހޯދާ ޕްރޮގްރެސިވް މުޖުތަމައެއް ބިނާކޮށް އެހެން ލެވެލްއަކަށް ރާއްޖެ ގެންދެވޭނެ ފަދަ ލެޖިސްލޭޓިވް އެޖެންޑާއަކަށް ބަހުސްކޮށް ބިލްތަކެއް އުފަންކުރުވޭ ފަދަ ފެންވަރު ހުރި މަޖިލިހެއް ނޫން ކަމަށެވެ.
ބެލެވޭ ގޮތުގައި މަލީހުގެ ފާޑުކިޔުން އަމާޒުކުރެއްވީ މަޖިލީހުގެ ރައީސްގެ ތައުލީމީ ގާބިލުކަމަށް އިޝާރާތްކުރައްވައެވެ. އެ ގޮތުގައިން ގިނަ ބަޔަކު ގެންދަނީ އަބްދުއްރަހީމު (އަދުރޭ)އަކީ މަޖިލީހުގެ ރައީސް ކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ބުނަމުންކަން ފާހަގަކޮށްލެވެއެވެ.










