މިއީ ކުރީގައި އޮތް ސަރުކާރުން ކަންކަން ފޮނުވާތީ އެކަންކަން ހާމަކުރުމަށް އައި ސަރުކާރެކެވެ. ހާމަކަން ބޮޑުކޯށް ވެރިކަން ކުރާނެ ކަމުގެ ވައުދާއެކު އައި ރައީސެކެވެ. ރައްޔިތުންނަށް ފޮރުވައިގެން ކަންކަން ކުރާ ވެރިކަމެއް ރަގަޅަށް ނުދާނެ ކަމަށް ވިދާޅުވިއެވެ.
އަހަރުމެން ނޫސްވެރިން ނުހަނު އުފަލުން ފޮޅުނެވެ. އެއީ އުއްމީދުގެ ހުޅުކޮޅެއް ދިއްލުމުންނެވެ. ދެން އެއް ވުޒާރާ ފަހަތަުން އަނެއް ވުޒާރާ ފަހަތުން މައުލޫމާތު ނުލިބިގެން ދުވަން ނުޖެހޭނެކަމުގެ އުއްމީދު އައުވުމުންނެވެ.
ނަމަވެސް ވެރިކަމަށް 8 މަސް ވެގެން ދިޔައިރު ފެނުނީ މުޅިން އެހެން މަންޒަރެކެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ތެރެއިން ރައީސް އޮފީހަށް ހޯދަން ހުށަހެޅި އެއްވެސް މައުލޫމާތެއް ނުލިބިގެން ނޫސްވެރިން ސަލާން ޖަހަނީއެވެ. އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅާ މައްސަލައިގެ އަޑު އެހުމަށް ކިޔުމުން ވެސް ކުޑަމިނުން އަޑު އެހުމަށްވެސް ރައީސް އޮފީހުން ހާޒިރުވެފައިނުވެއެވެ. ބުނެފައިވަނީ ލީގަލް ޓީމު މާ ބިޒީއީ ކަމަށެވެ.
ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަން ރަގަޅުކުރަން އައި މީހުންގެ ފެންވަރު ކުރީ ސަރުކާރަށް ވުރެ ހާސް ބައި ގޯހެވެ. ކުރީގެ ސަރުކާރުން ކަންކަން ސާފުކޮށް ނުދޭތީ ކަންކަން ސިއްރު ކުރާތީ ކަމު ނުގޮސްގެން އައި މީހުންނަށް ކުޑަމިނުން އަޑު އެހުމަކަށް ހާޒިރުވެލަންވެސް ނުކެރުނެވެ. ނަމަވެސް އެއީ ގާނޫނަށް ބޯލެނބުމުގެ ގޮތުން ރައީސް އޮފީހުންވެސް ކުރަން ޖެހޭ ކަމެކެވެ.
ގަނޫނަށް ގޮން ޖަހާލުމަށް ފަހު އައިކޮމްގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ޙާޒިރުނުވެގެން އެންމެ ފަހުން އައިކޮމް އިން ރައީސް އޮފީހާ ދެކޮޅަށް މައްސަލަ ހުށަހަޅާ ތަހުގީގުކުރަން ޖެހުމަކީ ލަދުވެތި ކަމެކެވެ.
ނޫސްވެރިންނަށް ނުފިލާނެކަމަށް ވިދާޅުވި ރައީސް ނޫސްވެރިންނާ ވައި އެޅޭ ހިސާބަށްވެސް އަންނަން ބޭނުންނުވާ މަންޒަރު ދަަނީ ފެންނަމުންނެވެ. މައުލޫމާތު ހޯދަން ނޫސްވެރިން ކެނޑިނޭޅި އާދޭސް ކުރަމުންދާއިރު ރައީސް އޮފީހުން ދެނީ ބީރު ކަންފަތެކެވެ.
ގާނޫނުގެ ދަށުން އެކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާއިން ވަނީ ގާނޫނު ނަގަހައްޓަން އޮތް އެންމެ އިސްފަރާތް ސަރުކާރު ގާނޫނަށް ތަބާ ނުވެގެން ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.
މިއީ އެކަމަކުވާ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގެ ޅަފަތުގައި ލަދުވެތި މަންޒަރެކެވެ. ރައީސް އޮފީހުން އަމުރަށް ނުކިޔަމަންތެރިވުމަކީ ސަރުކާރުން ދައްކަމުންދާ ހުތުރު މަންޒަރެކެވެ. މިއީ ގާނޫނަށް ބޯލެނބުމުގައި ރައްޔިތުންނަށް ސަރުކާރުން ދައްކަމުންދާ ހާދަހާ ހަޑީ މަންޒަރެެކެވެ. މިއީ ދެރަވަރުގެ ދެރަ ފެންވަރުގެ ކަންކަމެވެ.
ގާނޫނު ނަގަހައްޓަން އަދި ގާނޫނަށް ރައްޔިތުން ބޯލަންބުވަން އޮތް ގާނޫނީ ސަރުކާރުން ގާނޫނާ ޚިލާފުވެއްޖެއެވެ. ދެން ވެސް ސަރުކާރުގެ ދިފާއުގައި ޕޯސްޓުކުރާ ކުދިން ކޮޅު ދެއަތް ފޫވެއްޓެން ދެން އަތް ޖަހާ ސަނާކިޔާނީބާއެވެ؟ އެކަމަކުވާ މިއީ ލަދުވެތިކަމެކެވެ.