މިއަދު ދިވެހިންނާ ބައްދަލުކުރާ 59 މިނިވަން ދުވަހަކީ ފަޚްރުވެރި މިނިވަން ދުވަހެއްކަމަށް ވިދާޅުވެވެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައެވެ.
ރައީސް ޔާމީން ވިދާޅުވީ މިނިވަން ދުވަސް ފަޚްރުވެރިކަމާ އެކު ފާހަގަކުރެވޭނީ އެ މިނިވަންކަން ގެނެސްދިނުމަށް ޖިހާދުވި ކާބަފައިން އެ ޖިހާދުވި އަސާސުތައް ހިފަހައްޓާ އެކަން ކަން ދިފާއުކުރެވޭ ނަމަ ކަމަށެވެ. ނަމަވެސް މިއަދު ދިވެހި މުޖުތަމައުން އެ މަންޒަރު ނުފެންނަ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކާބަފައިން ހޯދީ އިސްލާމްދީންގެ އަސާސުތަކުގައި ހިފަހައްޓާ ގައުމީ އިގްތިސޯދީ މިނިވަންކަންވެސް ހިފެހެއްޓުމާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަމުން ކަމަށެވެ.
ނަމަވެސް މިހާރު ފެންނަމުން ދަނީ އިގްތިސޯދީ މިނިވަން ގެއްލުވާލާ އަވައްޓެރި ބައެއްގެ ފައިބުޑަށް ނާށިގަޑު ހިފައިގެން ދުވާ މަންޒަރު ކަމަށާ ބަވަނަ ވެފައިވާ ދުނިޔޭގައި ހަގީގީ މިނިވަންކަން މާނަ ކުރެވޭނީ އިގްތިސޯދީ ގޮތުން މިނިވަން އޮވެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން މިއަދު އެމްޑީއެން ފަދަ ލާދީނީ ޖަމްއިއްޔާތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ސަލާމުގެ ނާށިގަޑު ހިފައިގެން އަވައްޓެރި ގައުމުތަކަށް ވެރިން ދުވާ މަންްޒަރު ފެންނަމުންދާތީ މިއީ ފަޚްރުވެރި މިނިވަން ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެން އޮތް މިނިވަން ދުވަހެއް ނޫންކަން ރައީސް ޔާމީންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޔާމީން ވަނީ ބޭރުގެ އަސްކަރިއްޔާތަކުގެ ވަކިން ރާއްޖެ މިނިވަންކޮށް، ގައުމުގައި ވިހުރެމުންދާ ދިދައިން ރަމްޒުކޮށްދޭ މިނިވަންކަމަކީ ހަގީގީ މިނިވަންކަމަކަށް ހެދުމަށް ހުރިހާ ދިވެހި ރައްޔިތުން މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފައެވެ.