ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން ހާމަކުރުމުން ގިނަ ފަރާތްތަކުން ފާޑުކިޔަންފަށައިފިއެވެ.
ރައީސް ކުރެއްވި ދަތުރުގެ ހަރަދު ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ދަތުރުގެ ވަފުދުގައި ހިމެނުނު ބޭފުޅުންގެ ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދު ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދަތުރުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ( ދެ މިލިއަން ވިހި ހާސް ހަތަރު ސަތޭކަ އަށްޑިހަ ދެ) ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި 300،495 (ތިން ލައްކަ ހަތަރު ސަތޭކަ ނުވަދިހަ ފަސް) ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޭގެއިތުރުން ޗައިނާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ހަރަދުގެ ގޮތުގައި 3،374.79 (ތިން ލައްކަ ތިންސަތޭކަ ހަތްދިހަ ހަތަރު ހާސް) ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
އަދި ސިމްކާޑާއި ވީޕީއެން ހަރަދަށް 14،341.69 (ސާދަ ލައްކަ ތިން ސަތޭކަ ސާޅީސް އެއް) ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419.85 (އަށްޑިހަ ނުވަ ލައްކަ ހަތަރު ސަތޭކަ ނަވާރަ) ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
ރައިސްގެ ޗައިނާ ދަތުރުފުޅަށް ޖުމުލަ ހަރަދު ކޮށްފައިވަނީ 2،428،113.93 ( ދެ މިލިއަން ހަތަރު ލައްކަ އަށާވީސް ހާސް ސަތޭކަ ތޭރަ ޕޮއިންޓް ނުވައެއް ތިނެއް) ރުފިޔާއެވެ.
ކޮޕް 28 އަށް ރައީސް ކުރެއްވި ދަތުރު ނިންމާލުމަށްފަހު ދެން އެއްވެސް ހާލަތެއްގައި ފަސްޓް ކުލާހުގައި ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެ ރައީސް ވަނީ ޗައިނާއަށް ވެސް ފަސްޓް ކުލާހުގައި ދަތުރުކުރައްވާފައެވެ.
ޗައިނާ އަށް ކުރެއްވި ދަތުރަށް ދައުލަތުގެ ފައިސާ ގިނަ އަދަދަކަށް ޚަރަދުކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު އަމާޒުކުރައްވަންނެވެ.