މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، ރައީސް އޮފީހާއި ވުޒާރާތަކަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ ރައިޓު ޓު އިންފޯމޭޝަން (އާރުޓީއައި)އަކަށް ޖަވާބު ފީފައިވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެ ކަމަށާއި، މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި މެޑަލް ޖައްސަވަމުން ޕޯޑިއަމް ކައިރީ ހުންނަވާ އަނގަފުޅަށް ބަނޑިއެއް ވެސް ލައްވާ ނުލައްވާ ހައްދަވަމުން ގެންދެވީ އިތުރުފުޅެވެ. އެގޮތުން އެތައް ނޫހަކުން ސަރުކާރުގެ އެކި އެކި އިދާރާތަކަށް ހުށަހަޅާފައިވާ އާރުޓީއައި ތަކަށް ޖަވާބު ދީފައިނުވެއެވެ. އޭގެ ތެރޭގައި ތޭރަ އޮންލައިންއިން ވެސް ހުށަހަޅާފައިވާ ބައެއް އާރުޓީއައިތައް ހިމެނޭ އިރު ރާއްޖެ ޓީވީއިން ވެސް ހުށަހަޅާފައިވާ އާރުޓީއައިތައް ހިމެނޭކަން ވަނީ ހާމަވެފައެވެ.
އާރުޓިއައިތަކަށް ޖަވާބު ނުލިބިގެން ނޫސްތަކުންނާ މީޑިޔާތަކުން އިންފޮމޭޝަންގެ އޮފީހަށް މައްސަލަ ހުށަހަޅާ ރައީސް އޮފީހަށް މައްސަލަތަކުގެ އަޑު އެހުންތަކަށްވެސް ކިޔާފައިވެއެވެ. ނަމަވެސް ރައީސް އޮފީހުން އެ އަޑުއެހުންތަކަށް ހާޒިރުނުވުމުން ރައީސް އޮފީހުގެ ޣައިރު ހާޒިރުގައި އެ މައްސަލަތަކުގެ ޙުކުމްކޮށްފައިވެއެވެ.
މީގެ އިތުރުން މި ސަރުކާރު އައި ފަހުން އާރުޓިއައިތަކަށް ޖަވާބު ނޫދީގެން ހުށަހަޅާފައިވާ މައްސަލަ އިތުރުވެފައިވެސް ވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 58 އިންސައްތަ ވަނީ އިތުރުވެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މައުލޫމާތު ހާމަކުރުމަށް އެދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހަޅާފައިވަނީ 139 ކޭސް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58 އިންސައްތަ އިތުރުވުމެއްކަމަށް އާހިދު ވިދާޅުވިއެވެ.
ކުރިން ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ ކަމަށާއި، މި ސަރުކާރުގައި ހުރިހާ މައުލޫމާތެއް ލިބެމުންދާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އާރުޓިއައިތަކަށް ޖަވާބު ހޯދުމުގައާ މައުލޫމާތު ހޯދުމުގައި ނޫސްވެރިން ކުރަން ޖެހެނީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުން ފަދަ މަސައްކަތެކެވެ.