ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާ އާދިއްތަ ދުވަހަށް އެ ޖަލްސާ ތާވަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތުގެ އިތުރުން އިންތިހާބާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީއިން ހުށަހެޅި އިސްލާހު އެޖެންޑާގައި ހިމަނައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާ ބާއްވަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.
ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީސް ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
އާދިއްތަ ދުވަހު ހެނދުނު 9 ޖަހާއިރު ފަށާ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ؛
ބިމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން
އިންތިހާބުތަކުގެ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ.
މީގެ އިތުރުން ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލުގެނެސްފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމެޓީއިން ނިންމި ގޮތުގެ ރިޕޯޓު ވެސް ހިމަނާފައިވެއެވެ.
މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާގައި ދެން އޮތީ ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ބަދަލު ގެންނަވާ އެ ބަދަލު ހިމެނޭ ގޮތަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ކޮމެޓީން ފޮނުވި ރިޕޯޓަށް ގޮތް ނިންމުމެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމާމެދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އަލުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާމެދު ގޮތެއް ނިންމުމުވެ.
ކޮމެޓީން ނިންމީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށެވެ. އެހެން ކަމުން އާދިއްތަ ދުވަހުގެ ޖަލްސާ ގައި ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމާނެއެވެ.
މަޖިލީސް މިވަގުތު އޮތީ ޗުއްޓީގައެވެ. އާ ދައުރު ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.