މިނިވަން ދުވަހުގެ އިހުތިފާލުގައި ރައީސް މުހައްމަދު މުއިއްޒު ބޭފުޅަކަށް ގައުމީ އިނާމް އެރުވުމުގެ ތެރޭގައި ހިނގި ހާދިސާއަށް ފަހު އެމަނިކުފާނަށް ތައުރީފާ ސަނާ ކިޔަމުން ނޫސްވތަކުގެ ހެޑްލައިންތަކާ އަދި އެކި މީސް މީހުންގެ ސޯޝަލް މީޑިޔާ ވެސް ފުރާލިއެވެ.
ގައުމީ ނިޝާން ވެއްޓެން ދިޔަ ވަގުތު ރައީސް މުއިއްޒު ދެއްކެވި ހުށިޔާރުކަމާ ކުއްލި ހަރަކާތަކީ ހަގީގަތުގައިވެސް ތައުރީފު ހައްގު ކަމެކެވެ. މަންޒަރު ބަލަން އިންއިރު ހަގީގަތުގައިވެސް އުފާވިއެވެ.
ހިތާމައަކީ އެ ހުށިޔާރުކަމާ ކުއްލި ހަރަކާތް އަދި ގަޓު، ރައީސް މުއިއްޒު ގައުމު ދިފާއުކުރެއްވުމުގައި ނުދައްކަވާތީއެވެ. ވެރިކަމަށް ވަޑައިގެންނެވީ މިގައުމުގައި ބޭރުގެ އަސްކަރިއްޔާގެ އެންމެ ބޫޓު ކިބައެއްވެސް ނުބަހައްޓަވާނެ ކަމުގެ ވައުދާއެކުއެވެ. ޕްރޯ މޯލްޑިވްސް ޚާރިޖީ ސިޔާސެއްގެ ވައުދުފުޅާ އެކުއެވެ. ގައުމަށް ނުރައްކާވާ ހުރިހާ ދޮރެއް ބަންދުކޮށް އެ ދޮޮރުތަކުން ވަންނަމުންދާ ޚިދުމަތަށް އޮލްޓަނޭޓީވް ނެރޭޓިވް އެއް ހޯއްދަވާނެކަމުގެ ވައުދާ އެކުއެވެ.
ވެރިކަމަށް ވަޑައިގެން ކުރީ ކޮޅު އިންޑިއާ ކުރިމަތީ ކޯފާ އިސްކުރެއްވިއެވެ. ނަމަވެސް އިންޑިއާއިން ރާއްޖެ ޖައްސާފައި އޮތް ދަރަނި ދަންތުރައިގެ މަޅީގެ ވާ ފަށަށް ހަމަ ބާރުކޮށްލާއިރަށް ރައީސް މުއިއް×ުގެ ނޭވާ ހާސްވިއެވެ. ހައްދަވާނެ ގޮތެއް އެނގިވަޑައިނުގެން އިންޑިއާ ކުރިމަތީ ކުޑަ ކަކޫ ޖެއްސެވިއެވެ. ސަލާމުގެ ނާށިގަޑު ހިއްޕަވައިވެގެން މޯދީޖީގެ އާޝިރުވާދު ހޯދަން ވަޑައިގެން ދިވެހީން ލަދު ގަންނުވާލެއްވިއެވެ.
އިންޑިއާ ސިފައިްނ ބޭލުމުގެ ބަދަލުގައި އެމީހންގެ ޔުނިފޯމާ ބޫޓުބާލާ ވައުދުފުޅު މުޅިން އޮޅުވާލެއްވިއެވެ. ހަލްގެ މީހުން ގެނެސް މަދަނީ މީހުންނޭ ކިޔާ ރައްޔިތުން ލޮލުގައި އަނދުން އެޅިވިއެވެ. އިންޑިއާ ރުއްސުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް "ވީ މައިޓު ބީ ސްމޯލު ބަްޓު ޔޫ ކާންޓު ބުލީ އަސް" އެކޭ ވިދާޅުވެ ގެންދެވީ ކުރައްވަމުންނެވެ.
އިންޑިއާ ފަތުރުވެރިން އައުން ހުއްޓާލުމުން ހަ މަސް ދުވަހުގެ ކޯހެއްގައި އުޅުއްވާ ބޭފުޅަކު ފޮނުއްވައިގެން އާދޭަސް ދަންނަވަނީއެވެ.
އިގްތިސޯދީ ގޮތުން މިނިވަންކަން އޮތުމަކީ މިނވަން ގައުމެއްގެ ގޮތުގައި އޮތުމުގެ އެންމެ މުހިއްމު އަސާސްކަމަށް މިނިވަން ދުވަހުގެ ޚިތޯބުގައި ފާހަގަކުރެއްވި ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ރާއްޖެ އިގްތިސޯދީ ގޮތުން އަޅުވެތިވާން އޮތް ހުރިހާ ދޮރެއްގައި ޓަކި ޖައްސަވާ ހުޅުއްވަމުންނެވެ.
އެންމެ ފުރަތަމަ ދީނޭ ވިދާޅުވެވަޑައިގެން އެމްޑީއެންގެ ކަންކަމަށް ވެސް ދެއްވީ ކަނު ލޮލެކެވެ. ހެއްކަކީ ޕީޖީގެ މަގާމުގައި ހުރި ބޭފުޅާ އެ ހުންނެވި މަގާމުގައި ބެހެއްޓުމަށް ހެއްދެވި ޑީލެވެ. ސަމޯއާ އެގްރިމަންޓުގައި ސޮއިކޮށް ރާއްޖެ ހުޅުވާލީ ދީނާ ބިރައްޓެހި ކަންކަމަށެވެ.
ވިއްކާލި ކަނޑޫގެ ސަރަހއްދު އަނބުރާ ހޯދައިނުދެވުނެވެ. އިސްތިއުނާފުގެ މުއްދަތު ފަހަނަ އަޅާ ހިނގައްޖެއެވެ. އެހެންކަމުން ނިޝާން ވެއްޓުމުގައި ދެއްކެވި ހުށިޔާރުކަން ގައުމު ދިފާއުކުރުމުގައި ރައީސް މުއިއްޒު ނުދައްކަވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ފަަހރުގައި އެއީ ޕްރީ ޕްލޭޏްޑް ޕީއާރު ސްޓަންޓަކަށްވެސް ވެދާނެއެވެ.
ކޮންމެ އަކަސް "ވީ މައިޓޫ ބީ ސްމޯލް އެންޑް ދެޓް ޑަޒްންޓު ގިވް ލައިސެންސް ޓު ދަ ބިގް ނޭޝަންސް ޓު ބުލީއަސް" ކަމަށް ވާއިރު، "ވައި ޑޯން އަވަރ ޕްރެޒިޑެންޓު ޝޯ ކަރޭޖު ޓު ޑިފެންޑް އަވަރ ނެޝަނަލިޓީ އެންޑް ނޭޝަން ޓޫ؟"