ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަން ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން އިސްލާޙު ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު އެވެ.
މި އިސްލާހުގައި މިހާރު ގާނޫނުގައި އޮންނަ 60 ދުވަހުގެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު އެވެ.
އެ އިސްލާހުގައި ވަނީ އެގޮތަށް ބާއްވާ ބައި އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ބައެއް ހާލަތްތަކުގައި ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށްވެސް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވެއެވެ.
އެގޮތުން ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށާއި ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިސްލާޙުގައިވެއެވެ.
އަދި ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.