މިއަދު ގޭގައި ކައްކާ ކާއެތިކޮޅުވެސް ދެނީ ބިދޭސީއެއް ކަމަށާއި އަންހެނުން ތިބެނީ ގޭގައި ކަސޯޓީ ބަލަންކަމަށް ވިދާޅުވެ ހުޅުމާލޭ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ޝަރީފު މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން ހުސެއިން ވަނީ އަނބިންނަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކެއް ރައްދުކޮށްފައެވެ. އެގޮތުން މި ޒަމާނުގެ އަނބިންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ފިރިންނަށް ޚިދުމަތް ދިނުމުގައި ފަރުވާ ކުޑަބއެއްގެ ގޮތުގައި ސިފަކޮށް ހުސެއިން ވާހަކަ ދައްކާފައިވެއެވެ.
ހުސެއިންގެ މި ވާހަކަތަކަށް ރައްދު ދެމުން މީސްމީޑިޔާގައި ޕޯސްޓުކުރި އެކި އެކި ފަރާތްތަކުން ވަނީ އެއީ ފަަހރުގައި ހުސެއިން ދިރިއުޅެން ޖެހިފައިވާ ހާލުކަމަށް ވެދާނެ ކަމަށް ބުނެފައެވެ. އަދި ދެ އަނބިން ތިބިއިރުވެސް ހުސެއިންގެ ހާލަކީ އެއީކަމުގައިވާނަމ އެކަމާ މެދު ހަމްދަރީ ވާކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
މީގެ އިތުރުން ބައެއް އަންހެނުން، ހުސެއިން އެ ވިދާޅުވާ އުސޫލުން އުޅުނަސް އެންމެންނަކީ އެހެން އުޅޭ ބައެއް ނޫން ކަމަށާ މިހާރު ރާއްޖޭގައި ގިނަ ވާނީ އަމިއްލައަށް ވަޒީފާ އަދާކުރަމުން ގޭތެރޭގެ ކަންކަންވެސް ބަލަހައްޓާ އަނބިންކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
އަންހެނުންނަށް ކުޑައި މީސްވާހެން ހުސެއިން ދެއްކި ވާހަކަތަކާ ގުޅިގެން އިތުރަށް ވެސް ރައްޔިތުން ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ. އެގޮތުން ހުސެއިންގެ ގޭގައި ކައްކަން ބިދޭސީ ފިރިހެނުންނަށް ތިބެވެނީ ހުސެއިްނ ވެސް އެކަމާ ރުހޭތީ ކަމަށާ އެހެން ނޫން ނަމަ އެހެން އެކަން ނުވޭނެ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ކަމާ ގުޅުން ނެތް ރައްޔިތުން ބަދުނާމުވާހެން މަޖިލީހުގެ ތަޅުމުގައި ބޭކާރު ވާހަކަ ނުދެއްކުމަށް ވެސް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ބިދޭސީން ގެންނަން މަޖްބޫރުވަނީ ވެސް ފިރިމީހާއަށް ދިރިއުޅުމުގެ ހުރިހާކަމެއް ހަމަޖައްސަން ފައިސާ އެ މިންވަރަށް ނުލިބޭތީ އަންހެން ވެރިންވެސް ނުކުމެ މަސައްކަތްކުރަން ޖެހޭތީކަމަށް ވެސް ބުނެފައެވެ.
މީގެ އިތުރުން ވެސް މިހާ ތަރައްގީވެފައި އޮތް ޒަމާނެއްގައި މެމްބަރު ހުސައިން އަންހެނުންނާ ދޭތެރޭ ގެންގުޅުއްވާ ވިސްނުމަށް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.