ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅުވައިގެން ދައްކަނީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުންވެސް ދެއްކި ވާހަކަތަކެއް ކަމަށާއި ހާރިޖީ ސިޔާސަތުގައި މިސަރުކާރާއި އެމްޑީޕީގެ ސަރުކާރުގައި އެއްވެސް ތަފާތެއް ފެންނަން ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި މިސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅުވައިގެން ވާހަކަ ދައްކަވަމުން އދގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދައްކަވަނީ ޝާހިދުވެސް ފޮރިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ދެއްކެވި ވާހަކަތައް ކަމަށެވެ. އާ ވަހަކައެއް އަޑުއިވިގެން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް މަޖާޒީ ގޮތަކަށް ނިސްބަތް ކުރައްވާ ޝާހިދު ވިދާޅުވީ މިއަދުގެ ފޮރިން މިނިސްޓަރު މިސަރުކާރުގެ ހާރިޖީ ސިޔާސަތު ޓީވީގައި ހާމަކުރެއްވިއިރު ފެނުނު ހަމައެކަނި ތަފާތަކީ އޭނާގެ ބޮލުގައި ޝާހިދަށް ވުރެ ގިނައިން "ފަތް" ހުރި ހުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ހާރިޖީ ސިޔާސަތު ގޯސްކަމަށް ބުނެ މިސަރުކާރުގެ އިސްވެރިން ކުރިން ދެއްކެވީ ދޮގު ވާހަކަތަކެއް ކަން މިހާރު އެނގި ހާމަވަމުންދާ ކަމަށެވެ.