ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން ހަ މަސް ތެރޭގައި ބާއްވަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު މަޖިލީހަށް ހުށަހެޅުއްވި މިއިސްލާހު މަޖިލީހަށް ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 29 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.
މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަތީ 77 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް މަޖިލީހަށް ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ ބިލް ދިރާސާކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަންޖެހެ އެވެ. މި އެންގުން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.
ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެ، އެކަން އެލްޖީއޭ އިން އީސީއަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގައި އެއް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުގައި ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނުވާ ގޮތަށް ވަނީ ހިމަނާފަ އެވެ.