May 1, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު / ސޯޝަލް މީޑިއާ

ޣައްޒާގެ ލީޑަރު ޝަހީދުވުން ކުށްވެރިކޮށްލަން ނުކެރުނު، މޯދީއަށް ހަމްދަރުދީވެވިއްޖެ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 31, 2024, 11:51 PM
މާލެ ސިޓީ

ޣައްޒާގެ ލީޑަރު ޝަހީދުކޮށްލުމުން އެކަން ކުށްވެރިކޮށްނުލެވުނު ނަމަވެސް އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުން އެގައުމުގެ ބޮޑު ވަޒީރަށް ހަމްދަރުދީގެ މެސެޖެއް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

Advertisement

ހަނިއްޔާ ޝަހީދުވެ 9 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ރާއްޖެއިން އެކަމާ މެދު ބަހެއް ބުނެފައިނުވެއެވެ. ނަމަވެސް ކެރެލާއަށް ކުރަމުންދާ ވިއްސާރައިގައި އެ ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެ ގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެތައް ބައެއްގެ ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައީސް މުއިއްޒު ވަނީ ހަމްދަރުދީ ފޮނުއްވަވާފައެވެ.

އެ މަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސަތެއްގައި ނިމޭނެ އުންމީދުކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.

ރައިސް މުއިއްޒު މޯދީއަސް ހަމްދަރުދީގެ މެސެޖެއް ފޮނުވާފައިވާއިރު ޣައްޒާގެ ލީޑަރު ހަނިއްޔާ ޝަހީދުކޮށްލި ހާދިސާގައި ބަސްފުޅެއް ވިދާޅުވެ އަދި މެސެޖެއްވެސް ފޮނުއްވާފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved