ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ޖަލުގައި ވާނުވާ ބަންދު ޖަހައި ބައިތިއްބާފައި ތިބި ރައްޔިތުން ފަދައިން ވާނުވާ ބަންދެއްގައި ކަމަށް އެމަނިކުފާނުގެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ނުކުންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެނޑިޑޭޓުން ތައާރަފްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ހެންވޭރު ދެކުނަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކެންޑިޑޭޓު ނާއިފު ޝައުކަތަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.
މަލީހު ވަނީ މި ސަރުކާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި އެއް ވައުދަކީ ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ނިމުން ގެނެސް ވާނުވާ ބަންދު ވުޖޫދުންވެސް ފޮހެލަދެއްވާނެ ކަމަށް ވައުދުވި ކަން ހަނދާން އައުކޮށް ސަރުކާރުގެ ފުރަތަމަ ދެ މަސް ނިމި ތިން ވަނަ މަސް ފެށިގެންދިޔައިރުވެސް އެކަމުގެ ހިލަމެއް ނުވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ރައީސް މުއިއްޒުވަނީ އިންތިހާބު ތެރޭ ވަރަށް ގިނަ ވައުދުވެފައި، އޭގެ އެއް ވައުދު ވާނުވާ ބަންދު ނިމުމަކަށް ގެނައުމަކީ. އެކަމަކު އަދިވެސް ގިނަ ޒުވާނުންތަކެއް އެބަ ތިބި ވާނުވާ ބަންދުގައި. މިއީ ދެރަ ކަމެއް. މިހާރު ރައީސް ޔާމީންވެސް އެ ހުންނެވީ އެފަދަ ބަންދެއްގައި.
ރައީސް ޔާމީން މިހާރު ވާނުވާ ބަންދެއްގައި ހުރި ކަމަށް މަލީހު ވިދާޅުވެފައި އެވަނީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ހުކުމާ ހަމަ އަށް ވާސިލްވުމުންވެސް ހުކުމްނުކޮށް ލަސްކުރަމުންދާތީއެވެ.
ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ވ. އާރަށުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއްކޮށް އޭގެ ފަހުން ޖޫރިމަނާގެ ހުކުމެއްވެސް ކޮށްފައިވާއިރު އެ ދެ ހުކުމްގެ އިސްތިއުނާފު ހައިކޯޓު މަރުހަލާގައި ތާށިވެފައި އޮތް އޮތުމުގެ ކަންބޮޑުވުމަކީ އެއީ ގިނަ ބަޔަކު ފާޅުކުރަމުންދާ ކަންބޮޑުވުމެކެވެ.