

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރަމުންދާ ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލިތާ އެއް ދުވަސް ފަހުން ދިވެހި ސަރުކާރުން ދެ ފޮޅުވަތުގެ ބަޔާނަކުން އެކަން ކުށްވެރިކުރި ނަމަވެސް ބަޔާނުގައި "އިޒްރޭލް" ކުށްވެރި ނުކުރުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އާ ކުރެއްވި ބައެއް ސުވާލުތަކުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ މި ދުވަސްވަރަކީ އިސްލާމީ އުއްމަތައް ވަރަށް ހިތާމަވެރި ދުވަސްވަރެއް ކަމަށެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލު އާންމުގެ ވާހަކަ ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ ފަލަސްތީނާއެކީ އެކުވެރިކަމާ އެކީ އޮތް ބައެއް ކަމަށެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތަކަށް ވެފައި، އަބަދުވެސް ދިވެހި ސަރުކާރުން ފަލަސްތީނު-އިޒްރޭލު މައްސަލާގައި ގެންގުޅެފައިވަނީ ފަލަސްތީނާ އެއްކޮޅު ސިޔާސަތެއް ކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އަދި ފަލަސްތީނު އަސްކަރީ ޖަމާއަތް ހަމާސްގެ ލީޑަރ ހާނިއްޔާ ޝަހީދުކޮށްލައި ޖަނާޒާ ވެސް ބޭއްވި ފަހުން ބަޔާނެއް ނެރުމަކީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ އެކަން ސިފަކުރައްވާފައެވެ.
ދެން އެ ނެރުނު ބަޔާނުގައި. އެ ބަޔާނުގައި ނެތޭ ހާނިއްޔާ ޝަހީދުކޮށްލީ ކޮން ބަޔަކު ކަމެއް ވެސް ލިޔެލާފައި. ދުނިޔެ ހިމޭން ވާށޭ އޮތީ. އާދެ. އެ މައްސަލައަށް ސުލްހައެއް ގެނައުމަށް ދުނިޔެ ފެއިލްވެފަ މި އޮތީ. އެކަމަކު ދުނިޔެއަކުން ނޫނޭ އޭނާ ޝަހީދުކޮށްލީއެއް. އެ އިޒްރޭލުގެ ޔަހޫދީ ދައުލަތުންނޭ، އިޒްރޭލުގެ ނަން ވެސް ނުކެރުނު މިހާ ފަހުން ނެރުނު ބަޔާނުގައި ޖަހައިލަން، ދެން ކޮން މިނިވަން ކަމެއްގެ ވާހަކަތޯ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، އަޅުގަނޑުމެންގެ ރައީސް މި ދައްކަވަނީ، ހާރިޖީ ސިޔާސަތުގައި އެއްވެސް މިނިވަންކަމެއް ނެތް ކަމެއް ނޫން ތޯ މި ފެންނަނީ،
ބަޔާނުގައި ޔަހޫދީން ކުށްވެރި ކުރަން ވެސް ނުކެރުނު ބައެއް މިނިވަން ދުވަހު މިނިވަންކަމުގެ ވާހަކަ ދެއްކީމާ އެއީ ދެން ތާކުންތާކުން ނުޖެހޭ ވާހަކައެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލްއާންމަކީ ޒަމާނުއްސުރެން ދިވެހި ސަރުކާރުން ވަރަށް ކެރިގެން ބަސް ބުނަމުން އައި މައްސަލައެއް ކަމަށާއި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މި ސަރުކާރަށް ވުރެ ކެރިގެން ބައިނަލްއަގުވާމީ މައިދާންތަކުގައި ބަސް ބުނެފައި އެބަ ހުރި ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.