މަހުޖަނު ގާސިމް ނޫނަސް ބަޔަކު މީހުން ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ބުނީ ހާސް ކަނޑާލާ ހަމަޖެހޭނެކަމަށެވެ. ޒުވާނުންނަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެ ސަރުކާރަކީ މިއީ ކަމަށް ވެސް ވިދާޅުވިއެވެ.
ވެރިކަން ލިބުމުން ހަމަ އެހެން ވާހާކަތަކެކޭ އެއްފަދައިން މި ވާހަކަ ވެސް އޮޔާ ވަޔާ ދުއްވާލީއެވެ. އަޖައިބެއް ނުވާނެތޯއެވެ.
އާދެ މިއަދު އަޅުގަނޑު ދައްކަން މިއުޅެނީ 1 އޮގަސްޓް 2024 ވީ ބުރާސްފަތި ދުވަހު މަތިން އޯޑަރެއް އައިސްގެން ފުލުހުން ނިކުމެ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ޕާކްކޮށްފައި ހުރި ސްޕޯޓްސް ކާރުތަކެއް ޓޯ ކުރުމުން އެ ވާހަކައެވެ.
ޓޯ ކުރުމަކީ އަނެއްހެން ދަންނަވާނަމަ، ހުރިހާ ސަރުކާރުތަކުން ވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މި ސަރުކާރުން އެ ކަން މި ކުރަނީ ވަރަށް ވެސް ހެއްވާ ޒާތަކަށެވެ.
ދިވެހިރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތީ އަނދަވަޅެއްގައި ކަމަށާއި މާލީ ހާލަތު ގޯސް ކަމަށް ތަކުރާރުކޮށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ދައުލަތުގައި ފައިސާ ނެތުމުން އެ ފައިސާ ހޯދުމަށް ބައިވަރު ގޮތްތަކެއް ހުރެއެވެ، ނަމަވެސް ފެންނަނީ ޕާކްކޮށްފައިވާ ކާރުތަކާއި ސައިކަލުތައް ޓޯ ކޮށްގެން ފައިސާ ހޯދަމުންދާ މަންޒަރެވެ.
މިއީ ގައިމު މި ސަރުކާރުން ނުކުރާނެކަމަށް ބުނި ކަންކަމެވެ. މިކަން ވެސް ކުރިން ބުނި އެތި ކެންސަލްކޮށްލީއެވެ.
މިދިޔަ އަހަރުގެ މި މަހުގެ 26 ވަނަ ދުވަހު ކެމްޕެއިން ކުރައްވަމުން ޓެކްސީ ކުރާ ފަރާތްތަކާއި ބައްދަލު ކުރެއްވި އިރު އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ވެރިކަން ލިބުމުން އަވަސް ސްޕީޑެއްގައި ޕާކިން ބިލްޑިންތައް ހަދައި ދެއްވާނެކަމަށެވެ.
އަދި ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން މިނިސްޓްރީގެ މިނިސްޓާރ މުހައްމަދު އަމީން ވެސް ވަނީ ޕާކިންގް ބިލްޑިންގތައް އަވަސް މުއްދަތެއްގައި ހަދާނެކަމަށް ވިދާޅުވެުފައެވެ. ނަމަވެސް ކުއްލި ގޮތަކަށް ފުލުހުންނަށް އޯޑަރުކޮށްގެން ޕާކްކޮށްފައިވާ ކާރުތަކެއް އެއްވެސް އިންޒާރު ދިނުމެއް ނެތި ޓޯ ކޮށްލުމުން ޒުވާނުންގެ ރުޅި މިނިސްޓަރު އަމީނަށް އަމާޒުވީ އިސާހިތަކުއެވެ.
ރޭސިންގ އެސޯސިއޭޝަނުން އިސްނަގައިގެން މުޒާހަރާ ކުރި އިރު ގޮވާލީ މިނިސްޓަރު އަމީންގެ އިސްތިއުފާއަށެވެ. އާދެ ނުގޮވާ ވަރެއް ހަމަ ނޫނެވެ. ވައުދާ މުޅިން ހިލާފްވީއެވެ. ފައިސާ ހޯދުމުގެ ނަމުގައި ރައްޔިތުން ފެލާލީއެވެ. ޒުވާނުން ރުޅި އަރުވާލީއެވެ.
ސަރުކާރުން ހަނދާން ނެތުނީ ކަންނޭނގެއެވެ. ހަނދާން ކޮށްދޭން މި ލިބުނު ދަނޑިވަޅުގައި ހަަނދާންކޮށްދޭން ބޭނުންވަނީ މި ޒުވާނުން މި ވެރިންނަށް ވެރިކަން ހޯދައިދިނުމަށް ކޮށްދެއްވި ބުރަ މަސައްކަތެވެ. ތިޔަ ޓޯ ކޮށްލި ކާރު ތަކުގައި ނިކުމެ، ކެމްޕެއިން ކޮށްދެއްވިއެވެ. އޭރު ޒުވާނުން ވަރެއް ނެތެވެ. މިއަދު ޒުވާނުންގެ ބޭނުމެއް ނެތްކަން އަމަލު ބެހެއްޓެވި ގޮތުން އެނގި ސާބިތުވެއްޖެއެވެ.
އަމިއްލަ އެދުމުން ފޯވެފައި ތިބި ސަރުކާރެކެވެ. ހަމަ ގައިމުވެސް މިހާ އަވަހަށް ރައްޔިތުންގެ ނަފްރަތު، ހާއްސަކޮށް ޒުވާނުންގެ ނަފްރަތު އަމާޒުވި ސަރުކާރެއް މި ނޫނީ ނުދެކެމެވެ.