މައުލޫމާތު ހާމަކުރުމުގެ ސިޔާސަތާއެކު ވެރިކަމާ ހަވާލުވި ސަރުކާރުގެ އިސް ތަރުޖަމާނު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ 2 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އެންމެފަހުން ހީނާ ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ 29 މެއި 2024 ގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު 5 ޑިސެންބަރު 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް ބަދަލުތަކެއް އައިތޯ ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފައިއެވެ.
އެ ދުވަހު ވެސް ތަކުރާރުކޮށް ހީނާ ވިދާޅުވީ މި ސަރުކާރުން މައުލޫމާތު ހާމަކުރުމާ ދެކޮޅު އެންގުމެއް ނާންގާނެ ކަމަށާއި ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަކުރުންކަމަށެވެ.
މި ނޫހުގެ ފަރާތުން އަދި އެހެނިހެން ނޫސްތަކުން ވެސް ހީނާއަށް ވަޓްސްއެޕް މެދުވެރިކޮށް ސުވާލު ފޮނުވުމުން ކުރަނީ ސީންއެވެ.
ގުޅިއަސް ފޯނުވެސް ނުނަންގަވާކަން ފާހަގަކޮށްލެވެއެވެ.
ހީނާ ޒިންމާދާރު މަގާމެއްގައި ހުރެ މިފަދައިން އަމަލުތައް ބަހައްޓަވަމުން ގެންދަވާތީ ގިނަ ބަޔަކު އަންނަނީ ހާމަކަން ބޮޑު ކަމަށް ދައުވާ ކުރާ ސަރުކާރަށް ފާޑުކިޔަމުންނެވެ.