ސަޙްޔޫނީންގެ ޕާސްޕޯޓުގެ މައްސަލަ ކޮމިޓީގައި ހުއްޓުވާފައި އޮތް އޮތުން ސާފުކޮށްދޭން އެދިއްޖެއެވެ.
އެކަން ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލްގެ ފަރާތުން މަޖިލީހުގެ ރައީސްކަމުގައި ހުރި އަބްދުއްރަހީމަށް ފޮނުވި ސިޓީގައި ވަނީ ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އޭނާ ހުށަހެޅުއްވި ބިލް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެޖެންޑާ ނުކޮށް ބާއްވާފަ އޮންނަތާ 59 ދުވަސްވެފައިވާ ކަމަށެވެ.
އެހެންކަމުން 29 މެއިގައި މަޖިލީހަށް ފޮނުވި އެ މައްސަލަ 10 ޖޫންގައި މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ނިންމާފައިވާއިރު އެ ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު ސާފުކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ ފަރާތުން މީކާއިލް ވަނީ އެދިފައެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުގެ ތަޅުމުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފައިވީ ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތެއް ކޮމިޓީގައި ފަށާފައިނުވެއެވެ.
ބިލުގައިވަނީ ސަހްޔޫނީންގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ސަހްޔޫނީންގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި ސަހްޔޫނީން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މި ސަރުކާރު އައިސް އައު މަޖިލިސް ހުވާކުރިއިރުވެސް މި މައްސަލަ މަޖިލީހުން އޮތީ ރައީސް އޮފީހަށް ފޮނުވާފައެވެ. ނަމަވެސް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ އެ ބޭނުންވާ އިސްލާހުތަކާ އެކު އަނބުރާ މަޖިލީހަށް އެ ބިލު ފޮނުވާލާފައެވެ.
ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ރައީސް މުއިއްޒު އެފަދައިން އަމަލުކުރެއްވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަށް ދިގުދެންމުމުގެ ނިޔަތުގައެވެ.