ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ހާމަކުރަންވީ ވައުދު ނުފުއްދައި މި ސަރުކާރުން ވެސް އެ ގައުމާއެކު އައު އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމައިފި އެވެ.
މީހުން ބިނާކުރުމާއި ވިޔަފާރީގެ ދާއިރާއިން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.
މި ދަތުރުގައި ދެ ގައުމުގެ ދެމެދު އެމްއޯޔޫ ތަކެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް އެއީ ކިތައް އެއްބަސްވުން ކަމެއް ހާމަކޮށްފައި ނުވެއެވެ.
އިދިކޮޅުގައި އޮތް ފަސް އަހަރު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އިންޑިއާއާއެކު ހެދި އެއްބަސްވުންތަކާ ގުޅުވައިގެން ކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވެސް އެންމެ ގިނައިން ނުރުހުން ފާޅުކުރެއްވީ މި އެއްބަސްވުންތަކާ ބެހޭގޮތުންނެވެ.
އެއީ ގޮތް ނޭނގޭ އެއްބަސްވުންތަކެއް ކަމަށް ވެސް އޭރުގައި އެމކަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ ދެވަނަ ދުވަހު ސަރުކާރުން ވަނީ މިދިޔަ ފަސް އަހަރުގައި ރާއްޖެއިން އިންޑިއާ އާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ބުނެފައެވެ، ނަމަވެސް އޭގެން އެއްވެސް އެއްބަސްވުމެއް މިއަދާ ހަމަޔަށް ވެސް ހާމަކޮށްފައިނުވެއެވެ.