އިންސާނީ ވަގުފާރި ހުއްޓުވުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުކިޓް އަމަން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ހާމަކޮށްފިއެވެ.
މެލޭޝިއާގެ ފެޑެރަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ދަތުކް ސެރީ މުހައްމަދު ޝުހައިލީ މުހައްމަދު ޒައިން ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެދުވަހު ހެނދުނު 10:30 ހާއިރު ޖަލަން އަމްޕަންގް ކައިރީގައި ހުންނަ ކޮންޑޮމިނިއަމް ކޮމްޕްލެކްސްއެއްގައި ކަމަށެވެ.
މީގެ އިތުރުން،ޝުހައިލީ ވިދާޅުވީ މި އޮޕަރޭޝަންގައި އެފްރިކާ ދަރިކޮޅުގެ 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި 33 އަހަރާއި 35 އަހަރުގެ ނައިޖީރިއާގެ ދެ ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ.
އިމިގްރޭޝަން ގާނޫނުގެ 15 ވަނަ މާއްދާގެ (1) ގެ ދަށުން ޔޫގެންޑާގެ 28 އަހަރާއި 29 އަހަރުގެ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (1) ގެ ދަށުން ދެ އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު 13 އަންހެނަކު ވަނީ ހިފަހައްޓާފަ އެވެ.
ހަމަ އެހެންމެ، އިމިގްރޭޝަންގާނޫނުގެ 55 ޑީ މާއްދާގެ ދަށުން، އުމުރުން 31 އަހަރާއި 36 އަހަރުގެ ނައިޖީރިއާގެ ދެ އަންހެނަކާއި 22 އަހަރުގެ ދިވެހި އަންހެނަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މާއްދާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވިސާ, ހުއްދަ, ފާސް ނުވަތަ ސެޓްފިކެޓެއްގެ ހެއްދުމަށް ފޭކު ލިޔުމެއް ހައްދައި ނުވަތަ ފޯޖުކޮށް ނުވަތަ ބަދަލުކޮށްފި ނަމަ އެ ގާނޫނާ ހިލާފުވިކަމުގެ ކުށް ސާބިތުވާނެއެވެ.
މި މާއްދާއާ ހިލާފުވާ ފަރާތްތަކުގެ އަދަބަކީ 30،000 ރިންގިޓާއި 100،000 ރިންގިޓާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި، ހަ ފަހަރު ހައްދު ޖެހުމުގެ އަދަބެވެ.
ހައްޔަރުކުރި އެންމެން ވަނީ އިތުރު ތަހުގީގާއި ވިކްޓިމް އައިޑެންޓިފިކޭޝަން މަރުހަލާއަށް ވަންގްސާ މަޖޫ ޕޮލިސް ހެޑްކުއާޓަރަށް ގެންގޮސްފަ އެވެ.