ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީ ވުމަކީ މަގާމު ހާމަކުރުމެއް ނޫންކަމަށާއި ޖަވާބުދާރީ ވާންޖެހޭނީ މަގާމުގެ ޒިންމާ އަދާކޮށްގެންކަމަށް ވިދާޅުވެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އިންތިޒާމްކޮށްގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ރައީސް ޔާމީން ވަނީ އަންގާރަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި އަދުރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.
އެގޮތުން އަންގާރަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގާއި އޮތް ޖަލްސާގައި އަދުރޭ ވަނީ ކޮންމެ ގޮތެއް ވިޔަސް އަދުރޭ އަކީ މަޖިލީހުގެ ރައީސް ކަމަށް ވިދާޅުވެފައެވެ.އަދުރޭގެ މި ވާހަކަޔަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލިސް ރައީސްގެ މަގާމު އިއްވުމަކުން ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީ އެއް ނުވެވޭނެ ކަމަށެވެ. ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީ ވެވޭނީ މަގާމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވައިގެން ކަމަށެވެ.
އެގޮތުން ރައީސް ކަމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ކެމްޕެއިންތެރެއިން ދެއްކެވި ވާހަކަތަކާއި މިހާރު ދައްކަވާ ވާހަކަތަކުގައި ތަފާތުކަމެއް ހުރީ ބަލައި އެކަން އޮޅުން ފިލުވުމަކީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ކުރަން ޖެހޭނެކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއޮތީ ތިމަންނާމެންގެ މަޖިލީހެކޭ، ސުޕާެރ މެޖޯރިޓީ އެބައޮތޭ، ވެދާރ ޔޫ ލައިކް އިޓް އޯ ނޮޓް، ތިމަންނާ މެން މިތިބީ ތިމަންނާމެން މިތިބި ތަނުގައޭ، ކަލޭމެން ކުރާނެ ކަމެއް ނެތޭ، އެޔެއް ނޫން، މާތް ކަލާކޯ، ދިވެހި ރައްޔިތުންގެ ބާރު ފެށިގެން އަންނަނީ ދިވެހި ރައްޔިތުންނާ ހަމައިން
މަޖިލީހުގެ ޕަފޯމަންސަށް މާކްސް ދޭން ވެއްޖާ ލިބޭނެ އެއްވެސް މާކްސްއެއް ނުވާނެ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމިން ވަނީ މަޖިލިސް މެމްބަރުން، މެމްބަރުންގެ ޒިންމާތައް އަދާކުރުމަށް ގޮވާލާފައެވެ.
އޭގެއިތުރުން މަޖިލީހުގައި މައްސަލަތައް ބަލާއިރު ތަފާތު ކުރުން ގެންގުޅުއްވާކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.