ދިވެހިން އަބަދުވެސް އެދެނީ އިންޑިޔާ އާއެކު ގާތް ގުޅުމެއް ބޭވުމަށް ނަމަވެސް އިންޑިޔާގެ އުނގުގައި އިށީންނާކަށް ނޫން ކަމަށް ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިފަދައިން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މިއަދުގެ ސަރުކާރަށް ދިވެހިން ވޯޓު ދިނީ އިންޑިޔާގެ އަސްކަރިއްޔާ ދިވެހިރާއްޖޭން ފޮނުވާލުމަށް ކަމަށެވެ.
މި ސަރުކާރަށް އެ ވައުދު އަދި ފުއްދާ ދެވިފައި ނުވުމަކީ އެކަން ދިވެހިން ބޭނުންނުވުމެއް ނޫން ކަމަށާއި ދިވެހިން އަދިވެސް ބޭނުންވަނީ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ފައި ހަރުކޮށްލައިގެން، 14 އަހަރު މިތިބި ތިބުމަށް ނިމުމެއް ގެނައުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.
އެކަން އިންޑިޔާއިން ނުކޮށް ސިޔާސީ ވެރިން ރުއްސައިގެން، އެމީހުންގެ ރާގު ބަދަލުކުރުވައިގެން، ދެމިތިބެވިދާނެކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވެސް އުމަރު ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
އިތުރަށް އުމަރު ވިދާޅުވީ އެކަން ނިމުމަކަށް އަންނާނެކަމަށެވެ. ދިވެހިތާރީޙުން އެކަން އެނގޭނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި އޮތުމުގެ ސަބަބުން ރާއްޖޭ ސަލާމަތީ އަދި ޚާރިޖީ ސިޔާސަތުގެ މުހިންމު ނިންމުންތަށް ދިވެހިން އަމިއްލައަށް ނިންމަމުން އައި އައުމަށް ބުރޫ އަރާފައިވާކަމަށެވެ.
ރާއްޖޭގެ ކަޑުގެ ބައެއް ގެއްލިގެން ދިޔަދިޔުން އެއީ މިކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި އިންޑިޔާ އާއެކު ގާތް އަޚުވަންތަ ގުޅުމެއްބޭއްވުމަށް އަބަދުވެސް ދިވެހިން އެދޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންޑިޔާގެ އުގުގައި އިށީންނާކަށް ދިވެހިން ނޭދޭ ކަމަށް ފާހަގަކޮށް ދިވެހިން އެދެނީ އެއްވެސް ބަހަނާއެއް ދެއްކުމަކާ ނުލާ އިންޑިޔާގެ އަސްކަރިއްޔާ މި ޤައުމުން ފޭބުމަށް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެކަން ދިވެހިން ހާސިލް ކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.