ސަސްޕެންޝަންގައި ބައިތިއްބައިގެން ޔޫތު މިނިސްޓްރީގެ ތިން ވަޒީރުން ކަމަށްވާ މަރިޔމް ޝިއުނާއާ މަލްޝާ ޝަރީފުގެ އިތުރުން އަބްދުﷲ މަހްޒޫމަށް މުސާރަދެމުން ސަރުކާރުން ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނުރުހުންފާޅުކޮށްފިއެވެ.
އެކަމާ ގުޅިގެން ނުރުހުންފާޅުކޮށް ވާހަކަ ދެއްކެވީ ކަނޑިތީމު ދާއިރާ މެމްބަރު އަމީން ފައިސަލްއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވަނީ މަޖިލީހުގެ ތަޅުމުގައި ކުރީ ސަރުކާރޭ އަދި ލޯން ނެގިއޭ ކިޔާ ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން އަމީން ވިދާޅުވީ އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނު ނެގީ ގާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ހައްގުތައް ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އިބްރާހިމު މުހައްމަދު ސޯލިހު ގެންގުޅުއްވީ މާލެ އެކަނި ތަރައްގީ ކުރުމުގެ ވިސްނުން ނޫން ކަމަށާ އެމަނިކުފާނު މަސައްކަތްކުރެއްވީ ގާނޫނު އަސާސީގައި ބުނެފައި އޮތް ގޮތުގެ މަތިން ކަމަށް އަމީން ވިދާޅުވެފައިވެއެވެ. އެހެންކަމުން ގާނޫނު އަސާސީގައި ބުނާ ފަދައިން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ޚިދުމަތް ފޯރުކޮށްދޭން ލޯނު ނަގަން ޖެހިގެން ލޯނު ނެގީކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސާ ރަގަޅު ގޮތުގައި ބޭނުންކުރުމުން އެވާހަކަ މި ސަރުކާރުގެ ވެރިން ދައްކަމުންދާއިރު އަވައްޓެރި ގައުމެއްގެ ބޮޑު ވަޒީރަކަށް ފުރައްސާރަކުރި ބަޔަކު މަގާމުތަކުގައި ބައިތިއްބައިގެން ސަސްޕެންޝަނޭ ކިޔާ ދައުލަތުގެ ފައިސާއިން މުސާރަދީ ބޭކާރު ޚަރަދުކުރަމުން ގެންދާއިރު އެއީ މައްސަަލައަކަށް މި ސަރުކާރުގެ ވެރިންނަށާ މެމްބަރުންނަށް ނުވޭތޯ ފައިސަލް އައްސަވާފައިވެއެވެ.
ފައިސަލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، ޒުވާނުންގެ މިނިސްޓްރީގެ ތިން ނައިބުން ސަސްޕެންޑްކޮށް ޖެނުއަރީ މަހުން ފެށިގެން މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރާއިރު އެ ތިން ނައިބުންގެ މުސާރައަށް މިހާތަނަށް ރަސްމީ އެއްވެސް މަސައްކަތެއް ނުކުރާ ވަނީ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.