ރާއްޖެއިން ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަދައްކަވައިފިއެވެ.
އައްބާސް އެހެން ވާހަކަ ދެއްކެވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔަ އިންޝުއަރެންސް ބިލުގެ ބަހުސްގައެވެ.
އައްބާސް ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓޭ ކިޔައިގެން އިދިކޮޅު މެންބަރުން މަޖިލީހުގައި ވާހަކަދައްކަނީ ފަތުރުވެރިކަން ބޮއިކޮޓުކުރަން ކަމަށެވެ.
ސަހްޔޫނީންގެ އުޅެނީ ހަމައެކަނި ޔަހޫދީން ނޫންކަން އެ ވާހަކަ ދައްކާ މީހުންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އިޒުރޭލުގެ ކޮންމެ މީހެއްގެ އަތުގައި ޑުއަލް ސިޓީޒަންޝިޕް އޮވެ އެވެ. ޔޫރަޕްގެ ކޮންމެ ތަނެއްގައި ޔަހޫދީން ތިބޭނެކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ އިޒުރޭލު ޕާސްޕޯޓު މަނާކުރާއިރު "މުޅި ޔޫރަޕު އުތުރިއަރާނެ" ކަމަށެވެ. އަދި އެހިސާބުން ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މި ފަސް އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ ރައްޔިތުން އުފަލާ އަރާމުގަ ހިތްހަމަޖެހިގެން އުޅޭކަށް މަޖިލީހުގައި އެ ވާހަކަ ދައްކާ މެންބަރުން ބޭނުން ނުވާ ކަމަށެވެ.
ރާއްޖޭގެ ޓޫރިސްޓް ރިސޯޓު ހިންގާ ވެރިން ހަމައަށް ހިނގާލައިގެން، ހިންދެމިލައިގެން އުޅެން އެ މީހުން ބޭނުން ނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ފޮނުވިތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ބިލް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު އޮތް މީހުންގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު އޮތަސް އިޒުރޭލު ޕާސްޕޯޓު އޮންނަ މީހުނަށް ރާއްޖެ އެތެރެވުން މަނާ ކަމަށް ބަޔާންކޮށް ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ.
އެ ބިލު ހުށަހަޅުއްވާފައިވަނިކޮށް ސަރުކާރުގެ ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފާސްކޮށްފަ އެވެ. އޭގެ ބިލެއް މަޖިލީހަށް ހުށަހެޅުމުން ސަރުކާރުންނާ ޕީއެންސީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.
ނަމަވެސް ސަހްޔޫނީންގެ ޕާސްޕޯޓް އޮތް އެންމެނަށް ޖުމުލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ވެސް ކުރަން ޖެހޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެއެވެ.