ކުރީ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައި ހުރި ފެނާ ނަރުދަމާގެ މަޝްރޫއުތައް މިސަރުކާރު އައިސް ބަޖެޓު ނެތިގެން ކަމަށް ބުނެ ހުއްޓުވާއިރު، ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިފަދަައިން ވިދާޅުވީ ބ.ދޮންފަނުގެ ފެނާއި ނަރުދަމާގެ މަސައްކަަތް ހުއްޓިފައި އޮތް ސަބަބާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެ މަޝްރޫއުގެ މަސައްކަތް ނުފެއްޓި ހުއްޓިފައި އޮތް ސަބަބު އޮޅުންފިލުއްވަން މައުރޫފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، 542 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ފެނަކައާ ކަމަށެވެ.
42 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތް ތާރީހަކީ ފާއިތުވި 2023 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަސް ކަމުގައި ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނިމުނު އަހަރުގެ ޖުލައި މަހުން ފެށިގެން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްނުގޮސް މަޑުޖެހިފައިވާ ކަމަށެވެ.
މަޝްރޫއުގެ މަސައްކަތް މަޑުޖެހި، އެ މަސައްކަތް ނިންމަައިލެވޭނެ ކަމުގެ ޔަގީންކަން ނެތުމުން މި އަހަރުގެ ޖޫން މަހުގައި ކުރީ ސަރުކާރުގައި ފެނަކައާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީން އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ 720 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް މިނިސްޓްރީން މަސައްކަތްކުރާނެ އެވެ.
އެ މަޝްރޫއުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ އަދާހަމަ ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާރްއޯ ބިލްޑިންގެ 49 އިންސައްތަ މަސައްކަތް އަދި ސުވާ ނެޓުވޯކުގެ 66 އިންސައްތަަ އަދި ވޯޓާ ޑިސްޓްރިބިއުޝަން ނެޓުވޯކުގެ 64 އިންސައްތަ މަސައްކަތް ފިޔަވައި އިތުރު މަސައްކަތް ނުހިނގާ ކަމަށެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ފެނަކައަކީ ކޮންޓްރެކްޓު މަސައްކަތްކުރާ ކުންފުންޏަކަށް ނުވާތީ ސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުގައި ފެނަކައާ ހަވާލުކޮށްފައިވާ މިފަދަ ގިނަ މަޝްރޫއުތައް ބާތިލުކުރުމަށްފަހު، އެމްޑަބްލިއުއެސްސީއާ ސީދާ ވާހަކަދައްކައިގެން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލައި މަސައްކަތްކުރާނީ އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ކަމަށެވެ.