މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 18:30 އަށެވެ.
ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ
މެޓް އިން ބުނެފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓްއިން ލަފާކޮށްފައިވެއެވެ. އޭގެ އިތުރުން އާންމުވައި އުތުރާއި މެދު ރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދު އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މެޓްއިން ބުނެފައިވެއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މި ސަމާލުގައި ބުނެފައިވެއެވެ.