March 10, 2026
Advertisement
މިއަދު މާލޭގެ މަގުމަތި
މިއަދު މާލޭގެ މަގުމަތި / އަދަދު

އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް، 89.4 މިލިމީޓަރުގެ ވާރޭ ވެހުނު

Aminath Zara
އައިމިނަތު ޒާރާ
Aug 14, 2024, 04:41 PM
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވުނީ މާލެއަށެވެ. އެގޮތުން މާލެއަށް 89.4 މިލިމީޓަރުގެ ވާރޭވެހުނެވެ.

ދެވަނަ އެންމެ ބޯކޮށް ވާރޭ ވެހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 70.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 63.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ރޭގައި ނެރުނު ރީނދޫ ސަމާލު މިއަދު ވެސް ދަންމާލާފައެވެ. އެ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން 14:00 އަށެވެ. މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި އިއްޔެ ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އެގޮތުން 20 ރަށެއްގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު އިރު، މާލޭގެ 231 ގެއެއްގައި ފެންބޮޑުވެގެން ރިޕޯޓްކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved