އިއްޔެ ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހުނީ ވެރިރށް މާލެއަށް ކަމަށް މެޓު އޮފީހުން ހާމަކޮށްފިއެވެ.
އެގޮތުން މާލެ ހިމެނިގެން ދިޔައީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު އިއްޔެ އެންމެ ގިނައިން ވާރޭވެހުނު ރަށަށް ކަމުގައިވެސްމެއެވެ. އިއްޔެ ކުރި ވިއްސާރައިގައި މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓުން ހަމަކުރި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
މާލެ ފިޔަވައި ދެން އެންމެ ގިނައިން ވާރޭވެހުނީ އއ. ތޮއްޑޫ (70.6 މިލިމީޓަރު)، ހުޅުލެ (63.4 މިލިމީޓަރު) އަދި ހުޅުމާލެ (42.1 މިލިމީޓަރު) އަށެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ރޭ ވިދާޅުވި ގޮތުގައި، އިއްޔެ މާލެއަށް ވެހުނު ވާރޭގެ މިންވަރަކީ އާންމު ގޮތެއްގައި ވެހޭ މިންވަރަށްވުރެ މާ ގިނަ އަދަދެކެވެ. އާންމުކޮށް މާލޭގައި 40-45 މިލިމީޓަރުގެ ވާރޭ ވެހުނަސް ފެންބޮޑުވާ ކަމަށާއި، އިއްޔެ މެންދުރު 12:00 އާއި 3:30 އާ ދެމެދު، ގާތްގަނޑަކަށް 3.5 ގަޑިއިރުގެ ތެރޭގައި 80 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގައި އިއްޔެ އެހާ ބޮޑަށް ފެންބޮޑުވީ އާންމުކޮށް ވެހޭ މިންވަރަށްވުރެ ދެގުނަ އިތުރަށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭ ވެހުމުން ކަމަށް ވަހީދު ވިދާޅުވިއެވެ. އެމްއެންޑީއެފްގެ މަޢުލޫމާތުން، މާލޭ މަގުތަކުން ހަތް މިލިއަން ލީޓަރަށްވުރެ ގިނަ ފެން ޕަމްޕުކޮށްފައިވެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު، ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާލަތާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޓާސްކްފޯހެއް އުފައްދަވާފައެވެ.