ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލި މަޑުކަން ފެތުރިދާނެކަމަށްޓަކައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައަށް ސަމާލުވާންވި ކަންކަން އާންމުކޮށް އެކްސްގައި އެޗްޕީއޭއިން ކުރި ޕޯސްޓުގައި ބުނެފައިވަނި ބޭރަށް ހިންގުމާއި ހޮޑުލުން އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށާ އެހެންކަމުން ވާރޭވެހި ހެދިފައި އޮންނަ ފެންގަނޑުތަކަށް އެރި ކުޅެ ނުހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ޖަންގުޝަންތައް ފުރި ނަޖިސް ބޭރުވުމާއި ފެން ހަރުލާފައި ހުންނަ ތަންތަނުގައި މަދިރި އާލާވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި ގޭގޭގައި ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އަދި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޏާ އައި ޑެންގީ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ވެސް ގިނަވެގެން ދިޔުން ގާތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން، ބޯކޮށް ވާރޭވެހި އުފެދޭ ފެންގަނޑަށް ކޮންމެހެން އެރެން ޖެހިގެން ނޫނީ ނޭރުމާއި އެރެން ޖެހިއްޖެ ހާލަތެއްގައި ވެސް ރަބަރު ބޫޓާއި ރަބަރު އަންގި ފަދަ ނުތެމޭނެ، ވޯޓާ ޕްރޫފް ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ. މަގުތައް މަތީ ހެދޭ ފެންގަނޑުތަކަށް އެރި ކުޅެ ހެދުމުގެ ފުރުސަތު ކުޑަކުދިންނަށް ނުދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ވިއްސާރައާ ގުޅިގެން ސަމާލުވާންވީ ކަންކަމާ ގުޅޭ. pic.twitter.com/GNMmcbnmem
— Health Protection Agency (@HPA_MV) August 14, 2024
އޭގެއިތުރުން ފެން ހިންދަން އުޅޭ ފަރާތްތަކުން ވެސް، ފެންގަނޑުގައި ޖެހުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްފައި ދޮވުމާއި ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވާނަމަ، އެތަންތަނުން ކަނޑާ ކާބޯތަކެތި ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
ހަމައެހެންމެ ބޭނުން ކުރުމުގެ ކުރިން ވަޅުފެން ކުލޮރިން ކުރުމާއި ވާރޭފެން ކެއްކުމާއި ފެން ހަރުލާ ފަދަ ތަންތަން ސާފުކޮށް ފެން ހަރުނުލާނޭހެން އެ ތަންތަން ރަނގަޅަށް ބަންދު ކުރުމުގެ އިތުރުން ދިޔަދޮވިތައް ބެދުނަ ނުދީ ސާފު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ. އަދި ވާރޭ ވެހި ރާއްޖޭގެ ގިނަ ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ.