ފާއިދުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ގާފަރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.
މެޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކަށް ބަލާއިރު ގާފަރަށް 36.8 މިލިމީޓަރުގެ ވާރޭވެހުނެވެ.
ދެވަނަ އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް 35.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ދެން އެންމެ ބޯކޮށް ވާރޭ ވެހުނު ފުވައްމުލަކަށް 33.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އިއްޔެ ކުރި ވިއްސާރައިގައި އައި ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހުނީ މާމިގިއްޔަށެވެ. ވިލާގަނޑުގައި އެ ރަށަށް ގަޑިއަކު 49 މޭލަށް ވައިގަދަވިިއިރު، ދެވަނައަށް އެންމެ ވައިގަދަވީ ހުޅުލެއަށާއި ހަނިމާދޫއަށެވެ. އެ ދެ ރަށަށް ވިލާގަނޑުގައި 47 މޭލަށް ވައި ގަދަވިއެވެ. ތިން ވަނައަށް އެންމެ ވައިގަދަވީ ކ. ގާފަރަށެވެ. ގާފަރަށް ވިލާގަނޑުގައި 46 މޭލަށް ވައިގަދަވެފައިވެއެވެ.
ރާއްޖެއަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯހެވެ. މެޓުން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.