ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މިއަދު ވެސް ރީނދޫ ސަމާލު ނެރެފިއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. މެޓް އޮފީހުން އެއިރު ވިދާޅުވީ، އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ދަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ، ހުދު އަދި އޮރެންޖް ސަމާލު ނެރެމުންނެވެ.
މެޓުން އިއްޔެއިން ފެށިގެން ރީނދޫ ސަމާލު ނެރެމުން ގޮސްފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. މެޓުން އެ ސަރަހައްދަށް އެންމެ އިއްޔެ ފުރަތަމަ ރީނދޫ ސަމާލު ނެރެފައިވަނީ މެންދުރު 13:00 އިން ރޭ 19:00 އަށެވެ. ނަމަވެސް އެ ސަމާލު ވަނީ މިއަދު 14:00 އާއި ހަމައަށް ދަންމާލާފައެވެ.
މެޓުން ނެރުނު އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެގި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސަރަހައްދަށް ނެރުނު ރީނދޫ ސަމާލުގެ އަނެއްކާވެސް ދަންމާލާފައިވާއިރު، މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެގޮތުން މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.