ޕާކިސްތާނުން މަންކީޕޮކްސް ނުވަތަ އެމްޕޮކްސްގެ މި އަހަރުގެ ފުރަތަމަ ވޭދަނަ ފެނިއްޖެއެވެ.
އެ ގައުމުން މީގެ ކުރިންވެސް މި ބަލި ފެނިފައި ވެއެވެ. އެހެން ނަމަވެސް މިއީ އެމްޕޮކްސްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން އެ ގައުމުން ފެނުނު ފުރަތަމަ ވޭދަނައެވެ.
އިއްޔެ ޕާކިސްތާނުން ވަނީ މި ބައްޔަށް ފައްސިވެފައިވާ ވޭދަނައެއް ފެނިފައިވާ ކަން ހާމަކޮށްފައެވެ. ޕާކިސްތާނުގެ ނިއުސް އައުޓްލެޓް ޖިއޯ ނިއުސް އިން ބުނި ގޮތުގައި ޚައިބަރު ޕަހްތޫންހުވާގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތަކަށް މި ނުރައްކާތެރި ވައިރަސް ޖެހިފައިވާ ކަމަށެވެ. އެ މީހާ އަކީ ދާދި ފަހުން ސައުދީ އަރަބިއްޔާއިން އައި މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.
ޕާކިސްތާނުގެ ފެޑެރަލް ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ އެ މީހާ އަކީ ދިރް ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ މިހާރު ދިރިއުޅެމުން ދަނީ މަރްދާންގައި ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި އެ މީހާއަކީ މި މަހުގެ ތިން ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން އެނބުރި އައި މީހެކެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެ ބައްޔަށް ފައްސިވި މީހާއާ ގާތުން އެއްތާވި މީހުންގެ ސުންކު ނަގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ވަނީ އެ ގައުމަށް އެތެރެވާ ހުރިހާ ތަންތަން ހަރުކަށިކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމަށް ބޯޑަރ ހެލްތް ސަރވިސަސްއަށް އަންގާފައެވެ.
މިއީ ޕާކިސްތާނަށް އެ ބަލި ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އެ ގައުމުން އެމްޕޮކްސްގެ ނުވަ ވޭދަނަ ފެނިފައިވާއިރު، އެ އެންމެންނަކީ ވެސް މެދުއިރުމައްޗާއި އެހެން ގައުމުތަކުން އެނބުރި އައި ދަތުރުވެރިންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އޭގެ ތެރެއިން އެކަކަށް އެޗްއައިވީ އާއި އެމްޕޮކްސް ޖެހިގެން މަރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެމްޕޮކްސް ޖެހުމުން އެންމެ ފުރަތަމަ ހުން އައިސް މީހާގެ ވަރުދެރަވެއެވެ. އަދި ފަހުން ގައިން ދިޔަ ހެދޭ ބިހިތަކެއް ނަގައެވެ. މި ބައްޔަކީ ފަރުވާ ދިނުމުން ރަނގަަޅުވާ ބައްޔެއް ނަމަވެސް، ސީރިއަސް ހާލަތްތަކުގައި ފުރާނަައަށް ނުރައްކާވެއެވެ.
އެ ބައްޔަކީ ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިފަހުން ފެތުރެން ފެށި މި ބަލީގެ އާ ވޭރިއަންޓެއް ފެނިފައިވާއިރު، ޑަބްލިއުއެޗްއޯިން ބުނެފައި ވަނީ އާ ވޭރިއަންޓު ފެތުރޭލެއް މާ ފަސޭހަ ކަމަށެވެ.