އައިޖީއެމްް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކާއި ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
އައިޖީއެމްއެޗުގެ ނަރުހަކާ ގުޅޭ މައްސަލައެއް ބަލަމުންދާއިރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އައިޖީއެމްއެޗުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އައިޖިއެމްއެޗުން ނަރުސް މީހާއާ މެދު ފިޔަވަޅެއް އަޅާފައިވޭތޮ މައުލޫމާތު ސާފުކުރުމަށް އެ ހޮސްޕިޓަލްގެ މީޑިޔާ އޮފިސަރ ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގެ އަންހެން ނަރުހެއްގެ ފަރާތުން މީގެ ދެ މަސްކުރިން އެ ފަދަ ކަމެއް ފެންމަތިވެގެން މައްސަލަ ބަަލައި ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ނަރުހަކީ ކުރީގައި އެ ހޮސްޕިާޓލުގެ ވޯޑު އިންޗާޖެއްގެ ގޮތުގައި ހުރި ނަރުހެއް ނަމަވެސް މަސައްކަތުގެ ފެންވަރު ފަހަކަށް އައިސް ދަށްވެފައިވާތީ އެ މަގާމުންވެސް އޭނާ ޑިމޯޓުކޮށް މިހާރު ސަސްޕެންޑްވެސް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތޭރަ އޮންލައިނަށް މައުލުމާތު ލިބިފައިވާ ގޮތުގައި މައްސަލަ ފެންމަތިވެފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ނަރުސް މީހާ ޑިއުޓީއަށް ނުކުންނަކަން ސަމާލުކަމަށް އައުމުންނެވެ.
މި މައްސަލައިގައި ޝާމިލުވާ ނަރުސް މީހާއަކީ ދޭސީ އެއް ތޯ ނުވަތަ ބިދޭސީއެއް ތޯ ފުލުހުން ހާމަކޮށްފައިނުވެއެވެ.