ބަލާ ފާސްކުރުމުގެ ނަމުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ތ. އަތޮޅު ވޭމަންޑޫގައެވެ. އެގޮތުން އެރަށުން ޒުވާނަކު ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އަނިޔާކުރި ކަމަށް ބުނާ ޕޮލިސް މީހާ އާ ސުވާލުކުރާ މަންޒަރު ފެނިގެން ގޮސްފައެވެ.
އެ ވީޑިއޯގައި ޒުވާނުންތަކެއް ބުނަމުން ދާ އަޑު އިވިގެން ދަނީ ހައްޔަރުކުރިއަސް އަމުރަށް ނުކިޔަމަންތެރިވިޔަސް އަނިޔާނުކުރެވޭނެ ކަމަށެވެ. އަދި ބިޑި އެޅުވިއިރުވެސް އަތް އަނބުރާލާ އަނިޔާކޮށްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނާ އަޑު އިވިގެން ދެއެވެ.
ވީޑިއޯގައި އިތުރަށް ބުނެފައިވަނީ އެ މަންޒަރުން ފެންނަ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ތަކުރާރުކޮށް އެފަދައިން މީހުންނަށް އަނިޔާކުރާ ފުލުހެއް ކަމަށެވެ.
ތޭރަ އޮންލައިނަށް މިކަމާ ގުޅިގެން އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެކަމެއް ހިނގާ ދިޔައީ މަގުމަތީގައި ހުރި ޒުވާނަކާ އައިސް ފުލުހުން ސުވާލުކޮށް އޭނާ ބަލާ ފާސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ބަލާ ފާސްކުރަން ފެށުމުން ވެސް އެ ޒުވާނާ އެއްވެސް ގަދަކަމެއް ދައްކާފައިނުވާ ކަމަށާ، އަދި ފުލުހުންގެ ހައްޔަރަށް ގެންދަން ބިޑި އެޅުވި ވަގުތު އަތް އަނބުރާލުމުން ތަދުވެގެން އޭނާ "އައްދިއްޔޯއި" ގޮވާލި ކަމަށެވެ. އޭނާ އެހެން ގޮވާލުމުން އޭނާގެ އަނގަމަތީގައި ޖަހާ އަނގަމަތި ފަޅާލާފައިވާ ކަމަށާ ހައްޔަރަށް ގެންދިޔައިރުވެސް އަނގައިން ލޭ އަންނަމުން ދިޔަކަމަށް އެމީހާ ތޭރަ އޮންލައިނަށް ކިޔައިދިފައިވެއެވެ. އަދި އެ މީހާ މަގުމައްޗަށް ވައްޓާލާފައި ބޭއްވުމަށް ފަހު އުނަގަނޑު މަތީގައި ދެ ފަަރު ފައިން ޖެހިކަމަށްވެސް ބުނެފައިވެއެވެ.
އެފަދައިން އަނިޔާ ކޮށްފައިވަނީ ފުލުހުންގެ އިސް މީހެއްގެ ގޮތުގައި ތ. އަތޮޅު ވޭޟަންޑޫ ޮޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އަލީ ނާޒިމް ކިޔާ ފުލުހެއްކަމަށާ އޭނާއަކީ މީހުންނަށް އަނިޔާކުރުމުގެ ތާރީޚެއް އޮތް މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ނާޒިމްގެ އެ މައްސަލަ ތަކުރާރުކޮށް ފުލުހުންގެ އިންޓަރގިރިޓީ ކޮމިޝަންއަށް އެރަށު މީހުން ހުށަހަޅާފައިވާ ކަމަށާ ނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އަލީ ނާޒިމް ކުށުން ބަރީއަވަނީ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މި ވީޑިއޯ ފުލުހުންގެ މީޑިޔާއާ ހިއްސާކޮށް އިތުރު ތަފްސީލު ދިނުމަށް އެދިފައިވާއިރު މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވެއެވެ.
މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު ދާދި ފަހުންވެސް ފުލުހުން މީހަކު ހައްޔަރުކުރުމުގެ ތެރޭގައި އެމީހާގެ ފުރާނައަށް ނުރައްކާވާ ވަރަށް އަނިޔާވެ ވެންޓިލޭތަރުގައި ފަރުވާ ދެމުން ގޮސްފައިވެއެވެ.